ކަނޑުމަގުން ރާއްޖެއަށް އެތެރެކޮށް، ބޭރުކުރާ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގގެ މަޢުލޫމާތު "ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅޭނެކަމަށް އެއިދާރާއިން ވިދާޅުވެއްޖެއެެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ އެތެރެކުރާ ޙާލަތްތަކުގައާއި ރާއްޖެއިން މުދާ ބޭރުކުރާ ޙާލަތްތަކުގައި، ކަސްޓަމްސް އާންމު ގަވާއިދުގެ ދަށުން، އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީވާން ޖެހޭކަމަށެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، މިފަދަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، މާސްޓަރ ބިލް އޮފް ލޭޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރު، ކަސްޓަމްސްއަށް ހުށަހަޅަންޖެހޭނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ހައުސް ބިލް އޮފް ލޭޑިންގއަކީ ފްރައިޓް ފޯވާޑަރެއް ނުވަތަ ނޮން-ވެސެލް އޮޕަރޭޓިންގ ކޮމަން ކެރިއަރައަކަށް ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ހުއްދަ އޮތްކަން އަންގައިދޭ ލިޔުމެކެވެ. މިއީ ޝިޕްމަންޓްގެ ރަސީދެއްގެ ގޮތުގައާއި، ފޯވާޑަރާއި ޝިޕަރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ގޮތުގައާއި، އަދި މުދަލުގެ މިލްކުވެރިކަން ދައްކުވައިދޭ ލިޔުމެއްގެ ގޮތުގައި ބޭނުންކުރެވޭ ލިޔުމެކެވެ.
ސަރުކާރުގެ ޑިޖިޓައިޒޭޝަން ސިޔާސަތުގެ ދަށުން، ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ 20ވަނަ ދުވަހުއެވެ.
ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.