ޚަބަރު

ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރައްވައިފި


  • ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި

ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރެއްވީ އެސް.ސީ.އޯ ސަމިޓުގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ.

‎ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.