ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕްގެ ސެމީފައިނަލްގެ ޖާގައެއް ޔަގީން ކުރި ފުރަތަމަ ޓީމުގެ މަގާމް ޓީމް ނައިވާދޫ ހޯދައިފިއެވެ.
ނައިވާދޫ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މައިލޯ ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށް 6 ޕޮއިންޓު ހޯދައިގެންނެވެ. މިމެޗު ނައިވާދޫ ކާމިޔާބުކުރީ 3-1 ނެވެ.
މި ގްރޫޕްގައި ކުޅުނު ދެވަނަ މެޗުގައި ޓީމް ކާށިދޫ ބައްދަލުކުރީ އޭދަފުށީގެ ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބާއެވެ. މިމެޗު ސީސީ ސްޕޯޓްސްއިން ކާމިޔާބުކުރީ 5-0 ނެވެ. މިނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނާގައި ނައިވާދޫ އޮތީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ސީސީއަށް ދެ މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. އަދި މައިލޯ ސިޓީއަށްވެސް 2 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަންޖެހޭނީވެސް މައިލޯ އާއި ސީސީއެވެ. ނައިވާދޫ އާއެކު ދެވަނަ ބުރު މި ގްރޫޕުން ޔަގީންވާނީ ފަހު މެޗުން މޮޅުވާ ޓީމަކަށެވެ.
ނައިވާދޫ ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަން ޖެހޭނީ ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވެފައިވާ ޓީމް ކާށިދޫ އާއެވެ.
މިމުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅެވުނު މެޗުތަކާއެކު އެންމެ ފަހު މެޗާ ކުރިމަތިލާއިރު ހުރިހާ ޓީމަކަށްވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ދޮރު ވަނީ ހުޅުވިފައެވެ. މިގޮތުން މިރޭ ރޯޑް ރެކްރިއޭޝަން ކްލަބާއި ކުޅިވަރު ވުޒާރާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރޯޑް ރެކްރިއޭޝަން ކްލަބް ވަނީ ގްރޫޕްގެ ދެވަނައަށް ޖެހިލާފައެވެ. މިމެޗު އާރް.އާރް.ސީ ކާމިޔާބުކުރީ 6-2 ނެވެ.
އާރް.އާރް.ސީ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އާރް.އާރް.ސީގެ މައްޗަށް ފުރަތަމަ މެޗުގައި ކުރި ހޯދީ ޖޯލި މޯލްޑިވްސް އާއި ވެމްކޯ މިރޭ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-3 ދެޓީމް އެއްވަރު ވެގެންނެވެ.
މިނަތީޖާ އާއެކު ޖޯލް މޯލްޑިވްސް ގްރޫޕްގެ އެއްވަނާގައި އޮތީ 4 ޕޮއިންޓާއެކުއެވެ. ދެވަނާގައި އާރް.އާރް.ސީ 3 ޕޮއިންޓާއެކު އޮތް އިރު، 3 ވަނާގައި ކްލަބް ވެމްކޯ އޮތީ 2 ޕޮއިންޓް ހޯދައިގެންނެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ކުޅިވަރު ވުޒާރާއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.
މިގްރޫޕްގެ ފަހު މެޗުގައި އާރް.އާރް.ސީ އާއި ވެމްކޯ ނިކުންނައިރު މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ. މިއީ މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައިވެސް ވާދަކުރި ދެ ޓީމެވެ. ގްރޫޕްގެ އަނެއް މެޗުގައި ކުޅިވަރު ވުޒާރާއަށް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ޖެހޭނީ ޖޯލި މޯލްޑިވްސް ބަލިކޮށް ގޯލްގެ ތަފާތުން ޖޯލިއަށް ވުރެ ކުރިއަށް ޖެހިލަންށެވެ.