ޚަބަރު

އެމްޓީޑީ އުވާލަން ނިންމީ ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެމްބަރުން ހަމަނުވުމުން: އިލެކްޝަންސް


  • ޕާޓީގައި މެމްބަރުން ހަމަކުރުމަށް 19 ފެބްރުއަރީ 2025 ގައިވަނީ ނޯޓިސް ދީފައިވޭ

  • ނޯޓިސްގެ މުއްދަތު ހަމަވީއިރު ޕާޓީގައި ތިބީ 2277 މެމްބަރުން

  • ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިތުރު މެމްބަރުން ޕާޓީގައި ރަޖިސްޓަރ ނުވޭ

މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އުވާލަން ނިންމީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނު އަސާސީގައި ބަޔާންކުރާ ޢަދަދަށް އެ ޕާޓީއަށް މެމްބަރުން ހަމަނުކުރެވުމާއި ގުޅިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެމްޓީޑީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ޢިއުލާންކުރީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.

މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން އެއީ ޤާނޫނު އަސާސީން ލިބިދޭ ދުސްތޫރީ ޙައްގު ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާކަމެއްކަމަށް ބުނެ އެޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ. މިމައްސަލައާއި ގުޅިގެން ކަން ހިނގައިދިޔަގޮތް އިލެކްޝަންސް ކޮމިޝަނުން ވަނީ ސާފުކޮށްދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގައި މެމްބަރުންގެ އަދަދު ކަށަވަރުކުރަންޖެހޭކަމަށެވެ. މިޤާނޫނުގެ ދަށުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް އެމްޓީޑީގައި ޤާނޫނުގައި ބަޔާންކުރާ 3000 މެމްބަރުން ހަމަނުވާކަމަށާއި، ޕާޓީ ދެމިއޮތުމަށް ޤާނޫނުގައި ލާޒިމުކުރާ މެމްބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ލިބިދޭ 3 މަސްދުވަހުގެ ނޯޓިސް މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެޕާޓީއަށް ދީފައިވާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިނޯޓިސްގެ މުއްދަތު މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ހަމަވިއިރު، އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެމްބަރުންކަމަށާއި ނޯޓިސް މުއްދަތުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ރަޖިސްޓްރީވެފައި ނުވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. ނޯޓިސް މުއްދަތު ހަމަވި ދުވަހު، މެމްބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަސް ދިނުމަށް އެދި އެޕާޓީން އިލެކްޝަނަށް ހުށައަޅާފައިވީނަމަވެސް އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން އެޕާޓީން އެދުނު މުއްދަތު ދީފައިނުވާކަމަށް އިލެކްޝަނުން ފާހަގަކުރައްވައެވެ.

އިލެކްޝަނުން ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެޕާޓީން މެމްބަރުން ހަމަކޮށްފައިނުވާތީ، ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން ޖޫން މަހުގެ 3 ވަނަ ދުވަހު އެޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އަދި އެކަން އެޕާޓީއަށް އަންގާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޕާޓީގެ މުދަލާއި ދަރަންޏާއި މެދު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން، ޢަމަލުކުރުމަށްފަހު އެކަން ލަސްވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށް ޕާޓީއަށް އަންގާފައިވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އަދި ޕާޓީ އުވާލުމަށް ނިންމުމާއި ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު، އެޕާޓީން ދައްކަންޖެހޭ ދަރަންޏެއްވާނަމަ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން ޕާޓީއަށް ހުށައަޅައި، ނިންމުމަށް ޢާއްމުކޮށް އަންގާ ޢިއުލާންކޮށްފައިވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އެހެންކަމުން ޕާޓީ އުވާލަން އިލެކްޝަނުން ނިންމާ އެކަން އެންގީ ޤާނޫނާއި ޚިލާފަށް ނޫންކަމަށާއި، ޕާޓީ އުވާލަން ނިންމީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ލާޒިމްކުރާ އަދަދަށް މެމްބަރުން ޕާޓީގައި ނެތުމުންކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.