ޚަބަރު

މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނަށް 8681 ޝަކުވާ!


  • 8631 ޝަކުވާއަށް ކޮމިޝަނުން ވަނީ ޖަވާބުދާރީވެފައި

މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނަށް 8681 ޝަކުވާ ހުށަހެޅިކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިކަން ހާމަކުރެއްވީ އެކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމު "ކޮމްޕްލެއިންޓްސް މޮޑިއުލް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމްޕްލެއިންޓްސް މޮޑިއުލް އިފްތިތާޙުކޮށް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މަހުމޫދު ޝައުޤީއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި އެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ ނިޒާމު "ކޮމްޕްލެއިންޓްސް މޮޑިއުލް"އަކީ ސިވިލް ސަރވިސް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހެޅުމާއި އެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިފްތިތާޙުކުރެއްވި ނިޒާމެކެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީ، ދެއްކެވި ވާހަކަފުޅުގައި، ޝަކުވާ ހުށަހަޅައި އެއަށް ޖަވާބުދާރީވުމުގެ މުހިއްމުކަން ފާހަގަކޮށް، އެ ކަމުގެ ސަބަބުން ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނޭކަން ފާހަގަކުރެއްވިއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ފަސޭހަގޮތްތަކެއް ހުޅުވިގެންދިއުމަކީ، ހުށަހެޅޭ ޝަކުވާ އިތުރުވެގެންދާނޭކަމެއް ކަމަށާއި، ހުށަހެޅޭ ޝަކުވާތަކަށް ގަވާއިދުން ޖަވާބުދާރީވުމަކީ އެއަށް ވުރެ މާ މުހިއްމުކަމެއް ކަމަށާއި، އެ ކަމަށް ސިވިލް ސަރވިސްގެ އިދާރާތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

" މި ދާއިރާގަ މަސައްކަތްކުރާ އެންމެންނަކީ ވެސް ތެދުވެރިކަމާއި، އަމާނަތްތެރިކަމާއި، އިޚްލާސްތެރިކަމާއެކީގަ މަސައްކަތް ކުރަން ޖެހޭ ބައެއް. ޝަކުވާ ބަލާގަތުމާއި، ޝަކުވާއަށް އިޖާބަ ދިނުމާއި، ޝަކުވާއަށް ޖަވާބުދިނުމަކީ ޚިދުމަތްދޭ ބައެއްގެ ކިބައިގަ އިޚްލާސްތެރިކަމާއި، ހާމަކަން ބޮޑުކޮށް ތެދުވެރިވުމާއި، އެނިއަތް އެއަޒުމް އޮތްކަން ދައްކުވައިދޭ ކަމެއް." ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކު 7118 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި މިދިޔަ އަހަރުވެސް އެ ކޮމިޝަނަށް 8681 ޝަކުވާ ހުށަހެޅިކަމަށާއި، އޭގެތެރެއިން 8631 ޝަކުވާއަށް ކޮމިޝަނުން ޖަވާބުދާރީވެފައިވާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މި މޮޑިއުލް އެކުލަވާލުމުގެ މަޤުޞަދުތަކުގެ ތެރޭގައި، ޝަކުވާ ހުށަހެޅުމާއި ޝަކުވާއަށް ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޝަކުވާއަށް އަވަހަށް އެޓެންޑްވުމާއި، ޝަކުވާ ހުށަހެޅި ފަރާތަށް ޖަވާބުދެވުނުކަން މިހާރަށް ވުރެ ބޮޑަށް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުމާއި، ޝަކުވާއަކަށް އިދާރާއަކުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ޙާލަތުގައި އެޕީލްކުރެވޭ ނިޒާމުވެސް ހަރުދަނާކުރުން ހިމެނެއެވެ. އަދި، ސިވިލް ސަރވިސްގެ އިދާރާތަކަށް އެކިއެކި ގޮތްގޮތުން ހުށަހަޅަމުންދާ ޝަކުވާތަކަށް އެ އިދާރާތަކުން ޖަވާބުދާރީވަމުންދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުން ވެސް ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މި މޮޑިއުލްގެ ތެރެއިން، ހުށަހެޅޭ ޝަކުވާއާއި ޝަކުވާއަށް ޖަވާބުދާރީވުމުގެ ޕްރޮސެސް ކުރިޔަށްދާގޮތް ޝަކުވާ ހުށަހެޅި ފަރާތަށް ވަގުތުން ލިބެމުންދިއުމާއެކު، ޝަކުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގަވާއިދުން ބަލަހައްޓަމުން ގެންދެވޭނެއެވެ. މި ޝަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުމުގެ ނިޒާމުގެ ތެރެއިން، ސިވިލް ސަރވިސް މުވައްޒަފުންނާއި ޢާންމު ރައްޔިތުންނަށް ކޮމިޝަނަށާއި ސިވިލް ސަރވިސްގެ ކޮންމެ އިދާރާއަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި، ކޮމިޝަނަށާއި ސިވިލް ސަރވިސްގެ އިދާރާތަކަށް ޝަކުވާ ހުށަހެޅުމާއެކު، އެ އިދާރާތަކުން އެ ޝަކުވާތަކަށް ޖަވާބުދާރީ ވެސް ވެވޭނެއެވެ. ކޮމިޝަނަށް ސީދާ ހުށަހަޅަންޖެހޭ ޝަކުވާތައް ސީދާ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތުވެސް ތަނަވަސްވެގެންދާނެއެވެ.