އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެެއް ހޯއްދަވާދެއްވުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިިނު ފިހާރައެއްް ހުޅުވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި މި އައިނު ފިހާރައަކީވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެއްގޮތަށް ހުޅުވި އައިނު ފިހާރައެކެވެ.
"އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ" ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
"އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ" ޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލޭގަ މި ޚިދުމަތް ފެށުމުން ހުޅުމާލޭގަ ދިރިއުޅޭ ރައްޔިތުންނަށް މާލެ ނުގޮސް ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެކަމަށެވެ. ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ވެސް އައިނު ފިހަރަތައް ހުުވުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރެއެކޭ އެއްގޮތަށް ހުޅުމާލޭގެ އައިނު ފިހާރަ ވެސް ޤާއިމްކޮށްފައިވަނީ ޒަމާނީ ވަސީލައްތަކާއެކުކަމަށާއި އާސަންދައިން އައިނު ހައްދަން ހޭދަކުރާ 2000 ރުފިޔާގެ ލިނިޓްގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ އައިނު ހެއްދޭނެކަމަށްވެސް ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މިދިޔަ މަހު އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު އައިނު ހެއްދުމަށް ޒިޔާރަތްކުރާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެގޮތުން 28 ޖުލައި އިން 25 އޮގަސްޓާ ހަަމައަށް 1161 އައިނު ވަނީ އެ ފިހާރައިން ހައްދާފައެވެ.
"މި ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހަކު ހިދުމަތް ފޯރުކޮށްދޭއިރު ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 80-100 އަށްވުރެ ގިނަ ރައްޔިތުން މިކަމަށް އެދި ފިހާރައަށް ޒިޔާރަތްކުރޭ" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
"އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ" އައިނު ފިހާރައިން އައިނު ހެއްދުމުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00އިން ރޭގަނޑު 10:00އަށް ދެމުންގެންދާނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މި އައިނު ފިހާރަ ހުޅުވާފައިވަނީ އެހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގުގެ ތިރީ ފަންގިފިލާގައެވެ.
ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައިނުވެއެވެ. އެހެންނަމަވެސް އާސަންދައިން ރައްޔިތުންނަށް އައިނު ހެއްދެއެވެ. އެގޮތުން ފުރަތަމަ ދެއްވަމުން ގެންދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އެހެންނަމަވެސް މިހާރު 2000 ރުފިޔާގެ އިންޝުއަރެންސެއް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާއެއްގޮތަށް ދޭންފަށާފައިވާ ޚިދުމަތެކެވެ.
މި ޚިދުމަތް އައިޖީއެމްއެޗްގައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ.