ޚަބަރު

ހދ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި


  • ހދ.ގެ 13 ރަށަކަށް ވަޑައިގެންނެވި

  • ރަށްރަށުގެ ކައުންސިލްތަކާ އި ރައްޔިތުންނާ ބައްދަލުކުރެއްވި

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތެވެ. އެގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީ އަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުން މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފައެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އަތޮޅުގައި ފަތުރުވެރި މަންޒިލްތައް ޤާއިމުކުރެއްވުމުގެ ގޮތުން މުހިންމު މަސައްކަތްތައް ފެއްޓެވުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، ވައިގެބަނދަރުތަކާއި، ވިޔަފާރި ބަނދަރާއި، ކަނޑުދަތުރުފަތުރާ ގުޅުންހުރި ބިނާރު ތަރައްޤީކުރެއްވުމާއި އަޕްގްރޭޑްކުރެއްވުމަށް މަޝްރޫޢުތައް ފެއްޓެވުން ހިމެނުނެވެ. އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ނިންމެވި މުހިންމު ނިންމެވުންތައް ހިމެނޭހެން، ޖުމުލަކޮށް ސަރުކާރުގެ ނޮދަރން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯންގެ ތަޞައްވަރަށް މަގުފަހިވާ ފަދަ މުހިންމު މަސައްކަތްތައް، މި ދަތުރުގައި ހިމެނިގެން ކުރިއަށްގެންދަވާފައިވެއެވެ.

މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި، ކައުންސިލްތައް ބާރުވެރިކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުން ނަފާ ހޯދުމަށް، ކައުންސިލްތަކުން އިސްނަގައިގެން ކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނޭކަންވެސް ބައްދަލުވުންތަކުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.