ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.
އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަށާފައިވާއިރު، ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއިންނެވެ. އެކޯޕަރޭޝަނުން ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިތާ 24 ދުވަސް ވެގެންދިޔައިރު، މިހާތަނަށް 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ. އަދި މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރައްވައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުން އެކުލަވާލުމަށްޓަކައި މިހާތަނަށް ވަނީ 3402 މީހުންގެ ނަން އެފްޑީސީއަށް ފޮނުވާފައެވެ. އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ. ޚިދުމަތް އަވަސްކުރުމަށްޓަކައި އެސަރަޙައްދުގައި ވަނީ 10 ވަރަކަށް ކައުންޓަރު ޤާއިމުކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންވާ މުހިއްމު ލިޔެކިޔުންތަކަށް ހަމަކުރުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ 3 ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ ޤާއިމުކޮށްފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމަވާފައެވެ. އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ. އަދި 2 ކޮޓަރި ފްލެޓު ދޭން އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.