ނޭކުރެންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމާދޭނެކަމުގެ ޔަޤީންކަން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޭކުރެންދޫއަށް ވަޑައިގެން އެރަށުގެ ތަރައްޤީއަށްޓަކައި ފެށިފައިވާ މަޝްރޫޢުތައް ބާރުމިނުގައި ގެންގޮސް އަވަހަށް ނިންމާދޭނޭކަމުގެ ޔަޤީންދެއްވިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ރައީސްވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ކުރިއަށްއޮތްތަކުގައިވެސް ތަފާތު އެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑު ބައެއް ކަންކަން ދަންނަވާލާނަން. އަޅުގަނޑު ވާނީ ވަޢުދުވެފައި ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރުގައި ބަނދަރުގެ ޖާގަ ބޮޑުކޮށްދޭނެކަމަށް. އެހެންވީމަ އިރާދަކުރެއްވިއްޔާ މިހާރު ފެށިފައިވާ ބަނދަރުގެ މަޝްރޫޢު ނިމިގެންދާނީ އަޅުގަނޑު ވަޢުދުވެފައިވާގޮތަށް 100 ފޫޓު އިތުރުކޮށްދީގެން. އިރާދަކުރެއްވިއްޔާ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖައްސާފަ. އެހެންމަ އެކަމުގަ އެއްވެސް ދައްޗެއް ނެތި އެކަން ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނޭކުރެންދޭ ބަނދަރުގެ މަޝްރޫޢުގެ އިތުރުން އެރަށުގައި ދޯނި އެހެލާ ސަރަހައްދެއް ޤާއިމްކުރުމާއި، މޫދަށް އެރޭނެ ބީޗެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށެވެ. މީގެ އިތުރުން، މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނާއިގެން ނޭކުރެންދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމުގެ މަޝްރޫޢެއް ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނޭކުރެންދޫ ސްކޫލުގެ މަޝްރޫޢުގެ މަސައްކަތަށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލާނެކަމަށެވެ.
"އައު ދިރާސީ އަހަރު ފެށެންވާއިރަށް އެ އިމާރާތުގެ ބޭނުން މިރަށު ސްކޫލް ކުދިންނަށް ބޭނުންކުރެވޭ ގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިންމާދޭނަން. ހަމަމިއާއެކީގައި ސްކޫލަށް މަލްޓިޕާޕަސްހޯލެއް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެންމެ ލަސްވެގެން މިއަންނަ އަހަރުގެ ކުރީކޮޅު މަލްޓިޕާޕަސްހޯލްގެ އަމަލީ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އިރާދަކުރެއްވިއްޔާ މަލްޓި ޕާޕަސް ހޯލެއް އެޅިގެންދިއުން ވާނީ މި ސްކޫލަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއްގެ ގޮތުގައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ސޮއިކުރެވިގެންދިޔަ އަދި ބިންގާ އެޅިގެންދިޔަ މަޝްރޫޢުތަކުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާނެކަމަށެވެ. އަދި މިއިން ކޮންމެ މަޝްރޫޢަކީ އެކަމުގެ ދާއިރާއިން ނޭކުރެންދޫގެ އިގްތިޞާދަށް ވަރަށް ގިނަ މަންފާތަކެއް ކުރާނެ މަޝްރޫޢުތަކަކަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެގޮތުން ސިއްހީ ދާއިރާއިން އަޅުގަނޑުމެން މިފަށާ މަޝްރޫޢުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ވަރަށް ފުރިހަމަ އަދި ވަރަށް ތަނަވަސް އިމާރާތެއް މި އެޑްކުރެވިގެން މިދަނީ. ހަމަމިއާއެކީގެ ފިޓްނެސް ރިކްރިއޭޝަން މަރުކަޒަކީވެސް އިންޑޯ އެކިކަހަލަ ކުޅިވަރތުތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަކަށް ވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫޢުތަކުގެ އިތުރުން ކުރިއަށްއޮތްތަކުގައިވެސް ނޭކުރެންދޫގައި އެތައް މަޝްރުޢުތަކެއް ކުރިއަށްގެންސދިއުމަށް ގަސްތުކުރާކަމަށެވެ. އަދި އިގްތިޞާދީގޮތުން ނަފާ ހޯދައިދިނުމަށް ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާއެކީގައި ހުށަހަޅާކަންކަމަށް ފުރިހަމައަށް އިޖާބަދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.