ޚަބަރު

މަކުނުދޫ އައިސްޕްލާންޓް މިފްކޯއަށް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު ޝިޔާމް


  • މިއީ އަމިއްލަ ކުންފުންޏަކުން ހިންގަމުންދިޔަ ތަނެއް

  • މިހާރު ވަނީ މިތަން ހުއްޓިފައި

ހދ. މަކުނުދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަކުނުދޫއަކީ މަސްވެރި ރަށެއްކަމަށެވެ. މީގެ 5 ނުވަތަ 6 އަހަރު ކުރިން މަކުނުދޫގައި ގިނަ އަދަދެއްގެ މަސްވެރި އުޅަނދުތައް ހަރަކާތްތެރިވަމުން ދިޔަކަމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން މަސްވެރިކަމަށް ދިން ސަމާލުކަން ކުޑަވެ މަސްވެރިންގެ އަގުވަޒަންނުކުރުމުގެ ސަބަބުން މަސްވެރިކަމުގައި ހަރަކާތްތެރިވި ދޯނިތަކުގެ އަދަދު މަދުވިކަމަށެވެ.

މަކުނުދޫގައި އަމިއްލަ ފަރާތަކުން ގާއިމްކޮށްފައި ހުރި އައިސްޕްލާންޓެއް ހުރިއިރު މިތަން މިހާރު އޮޕަރޭޓްނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މިތަން އޮޕަރޭޓްކުރަމުން ދިޔަ އަމިއްލަ ކުންފުނިން މި އައިސްޕްލާންޓް ސަރުކާރާއި ހަވާލުކުރަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި އައިސްޕްލާންޓް މިފްކޯގެ ބެލުމުގެ ދަށައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެ ޕްލާންޓަކީ އެއީ ފިޝަރީޒް ލޯނެއްގެ ތެރެއިން ގާއިމްކޮށްފައި ހުރި ޕްލާންޓެއް އެއީ އަމިއްލަ ފަރާތަކުން އެ ލޯނު ނަގައިގެން. އެހެންނަމަވެސް މިއަދު އެބޭފުޅުން ބޭނުންފުޅުވަނީ އެ ޕްލާންޓް ސަރުކާރާއި ހަވާލުކުރަން. އަޅުގަނޑުމެން އެސެސްމަންޓެއް ހަދައިފިން މިހާރު. ހަދާފައި މިހާރު އެ މަރުހަލާގައި މިދަނީ. މި ސަރަހައްދުގެ މަސްވެރިން ބޭނުންވޭ އެ ޕްލާންޓް އޮޕަރޭޝަންއަށް ގެންނަން ސަރުކާރުގެ އެހީތެރިކަންވެސް ލިބިގެން. ސަރުކާރުގެ އެހީތެރިކަމާއިއެކު އެ ކަންތައް ކުރެވޭނީ ސަރުކާރަށް މިފްކޯއަށް އެ ޕްލާންޓް ނެގިގެން ކަމަށްވާތީއާއި އެކީގައި މިނިސްޓްރީ އޮފް ފިޝަރީޒްއިން ލޯނެއް ނަންގަވައިގެން ލޯނުގެ ބޮޑުބައެއް އަދާކޮށްފައި އޮތީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އައިސްޕްލާންޓްގައި ގިނަ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރިކަމަށެވެ. މަސްވެރިންގެ އެދުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވަނީ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި އެތަން އޮޕަރޭޝަންއަށް ގެނައުމަށްކަމަށެވެ. މަސައްކަތް ކުރަމުންދަނީ އަންނަ ހަފްތާގައި ފިނޭންސްއަށް ހުށައަޅައިގެން އައިސްޕްލާންޓް މިފްކޯއަށް ހަވާލުކުރެވޭނެ ގޮތްތަކެއް ހޯދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ހދ. މަކުނުދޫގައި އައިސް ޕްލާންޓް ގާއިމުކޮށް އޮޑިފަހަރުތަކަށް އައިސް ދޫކުރަން ފެށީ 2018 ވަނަ އަހަރުއެވެ. މިއީ ސީ ޓްރެޒަރސް މޯލްޑިވްސް ނަމަކަށްކިޔާ ކުންފުންޏަކުން ގާއިމްކޮށްފައިވާ އައިސްޕްލާންޓެކެވެ.