ކުޅިވަރު

މަކުނުދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި


  • []

ހދ.މަކުނުދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގް އާއި އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމްއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލުގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މަކުނުދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކީ އިންޑޯ ކުޅިވަރުތަކާއި، ބޯޑް ގޭމްތަކުގެ އިތުރުން ދެ ޖިންސަށް ޚާއްސަކުރެވިފައިވާ އެރޮބިކްސް ސްޓޫޑިއޯއެއްވެސް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

ކުޅިވަރާ ގުޅުންހުރި ކޯސްތަކުގެ ތިއެރީ ކުލާސްތައް ހިންގުމަށް ވަކި ކުލާސްރޫމަކާއި މީޓިންގ ރޫމެއް މިތަނުގައި ހިމެނޭއިރު، އިދާރީ ބޭނުމަށް އޮފީހެއްވެސް މިތަނުގައި ގާއިމް ކުރާނެއެވެ. މިއީ އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމުގެ އަމާޒާއެކު ހަވާލު ކުރެވުނު މަޝްރޫއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މިމަޝްރޫއުތައް ހަވާލުކޮށްފަވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލްއާއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ހަވާލުކޮށްފަވަނީ މީގެ ތެރެއިން 63 މަޝްރޫއެއްގެ މަސައްކަތެވެ.