ހދ. ނޮޅިވަރަންފަރުގައި ތަރައްގީކުރުމަށް ހަމަޖެހިފަވާ ފުޓްބޯޅަ ދަނޑާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހަމަޖެހިފަވަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ހަވާލުކޮއްގެންނެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެވެ.
ނޮޅިވަރަންފަރުގައި ތަރައްގީ ކުރުމަށް ހަމަޖެހިފަވާ ސްޕޯޓްސް ކޮންޕްލެކްސްގެ މަސައްކަތް ހަވާލުކޮއްފަވަނީ މޯލްޑިވިސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި މި ދެ މަޝްރޫއު ހިމެނޭހެން ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ ގިނަ މަޝްރޫޢުތަކެއްގައި މި ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ.