ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ނެއްލައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށްވަނީ ހަމަޖެހިފައެވެ.
ނެއްލައިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް، ހާއްސަ ހަނދާނީ ފިލާއެއް އެމަނިކުފާނު ވަނީ ނައިވާދޫ ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.
ނެއްލައިދޫގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާއި ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.