ޙުސައިން އަރީފްއާއެކު ފޯ ސީޒަން ސަރފިން ޗެމްޕިއަންސް ޓްރޮފީ ފަށައިފިއެވެ. މިމުބާރާތް މިދިޔަ ހަ އަހަރު ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ރާއްޖެއިން ބޭރުގެ ފަރާތަކަށް ހުޅުވާލެވިގެންނެވެ. ނަމަވެސް މިއަހަރުން ފެށިގެން ރާއްޖޭގެ ރާޅާއެޅުން ތެރިންނަށްވެސް މިމުބާރަތުގައި ވާދަކުރުމުގެ ފުރުސަތުވަނީ ފޯސީޒަންއިން ވަނީ ދީފައެވެ. އެގޮތުން މިއަހަރު މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ޙުސައިން އަރީފް (އިބޫ)އެވެ.
7 ރާޅާއެޅުންތެރިން ވާދަކުރާ މިމުބާރާތް ކުރިއަށްދަނީ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ސިންގަލް ފިން، ޓުވިން ފިން އަދި ތްރަސްޓްއެވެ. ކޮންމެ ރާޅާ އެޅުންތެރިއަކަށްވެސް ކޮންމެ ކެޓަގަރީއެއްގައިވެސް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މިމުބާރާތުން އެއްވަނަ އަށް ދާ ރާޅާއެޅުންތެރިއަކަށް 25000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަމަށް ފޯސީޒަން ރިސޯޓްއިން މަޢުލުމާތުދިނެވެ. މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ކުރިއަށްދިޔަ ނަމަވެސް މިއަދުން ފެށިގެން މުބާރާތުގެ އިވެންޓްތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ފޯސީޒަން ރިސޯޓްއިން މަޢުލުމާތުދިނެވެ. މިފަހަރުގެ މިމުބާރާތުގައި އެމެރިކާ ހަވާއީ އަދި އޮސްޓްރޭލިއާގެ ރާޅާއެޅުންތެރިންވެސް ވާދަކުރެއެވެ. މިމުބާރާތުގައި ވާދަކުރާ ހަމައެކަނި ރާއްޖޭގެ ރާޅާއެޅުންތެރިޔާ ހުސެން އަރީފްބުނީ މިއީ މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއްކަށެވެ. ރާއްޖޭގެ ރާޅާއެޅުންތެރިއަކު މިމުބާރާތުގައި ބައިވެރިކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން، މިފަހަރު މިފުރުސަތު ލިބުމުން، ރާއްޖޭގެ ރާޅާއެޅުންތެރިންގެ ތެރެއިން ކޮންމެވެސް 1 ފަރާތަކަށް ކޮންމެ އަހަރަކުވެސް މިފުރުސަތު ލިބިގެންދިއުމަކީ ރާއްޖޭގެ ރާޅާއެޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އިބޫ ފާހަގަކުރިއެވެ.
img:http://s4.psmnews.mv/images/660x400/14707719973742.jpg|ފޯސީޒަން ސަރފިން ޗެންޕިއަންސް ޓްރޮފީ މުބާރާތް (ފޮޓޯ: ޕީއެސްއެމް / ވަހީދު)
" އަޅުނގަޑުގެ އުއްމީދަކީ ވީހާވެސް ދުރަށް ދިއުން. ނަމަވެސް އަޅުނގަޑުމެންނަށް މިވަގުތު ފަރިތަކުރުމަށް އެންމެ އަކަށީގެންވާ ގޮތުގައި ފަރިތަކުރުންތަށް ކުރިއަށް ނުގެންދެވޭތީ ވަނައަކާހަމައަށް ދާން އުނދަގޫވާނެ. މިމުބާރާތުގައި އަޅާ އެހެން ރާޅާއެޅުންތެރިންނަށް ވުރެއް ބޮޑަށް އަހަރުންނަށް މިރާޅުގެ ގޮތްވަރަށް ރަނގަޅަށް އެނގޭ. އެހެންކަމުން އެކަމުގެ ފައިދާ އަހަރުނަށް ވަރަށް ބޮޑަށް ނެގިދާނެ. އެމެރިކާގެ ރޮބް މަޝާޑޯ ފަދަ ރާޅާއެޅުން ތެރިންނާއެކު ރާޅާއަޅާލަން ލިބުމަކީވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް" ހުސެން އަރީފް ބުންޏެވެ.
އެމެރިކާގެ ރޮބް މަޝާޑޯބުނީ މިއީ ރާއްޖޭގައި ރާޅާއަޅާ ދެވަނަ ފަހަރުކަމަށާ ފުރަތަމަ ފަހަރު ރާއްޖޭގައި ރާޅާއަޅާފައިވަނީ 1998ވަނަ އަހަރުކަމަށެވެ. 18 އަހަރަށްފަހު ރާއްޖޭގެ ރާޅާއެޅުމުގެ ފުރުސަތު ލިބުމުން، ވަރަށް ހިންހަމަޖެހޭކަމަށާ އުއްމީދަކީ މިފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުންކަމަށްވެސް ރޮބް ބުންޏެވެ.
" ކުރިއެކޭ އެއްގޮތަށް މިހާރުވެސް ރާއްޖެ ވަރަށް ރީތި، ރާޅުތަށްވެސް ހަމައެހާ ރީތި. މިދިޔަ އަހަރުގައި އަހަރެއް މާގިނަ މުބާރާތުގައި ވާދައެއް ނުކުރަން. ކިތަންމެ ގިނަ ދުވަސްތަކެއް ވަންދެން ރާޅާ އެޅުމާ ދުރުގައި ހުރެފައި އައިސް، ސޫޓްތަށް ލުމުން މުޅިން ތަފާތު އިހުސާސްތަކެއް ކުރެވެނީ އަދި އިތުރު ހިތްވަރެއްވެސް ލިބޭ" ރޮބް ބުންޏެވެ.
img:http://s1.psmnews.mv/images/660x400/14707720365981.jpg|ފޯސީޒަން ސަރފިން ޗެމްޕިއަންސް ޓްރޮފީގައި ވަދަކުރާ ބެތެނީ (ފޮޓޯ: ޕީއެސްއެމް / ވަހީދު)
މިމުބާރާތުގައި ވާދަކުރާ ހަމައެކަނި އަންހެން ރާޅާ އެޅުންތެރިޔާ އެމެރިކާގެ ބެތެނީ ހެމިލްޓަންބުނީ މިފަހަރު މުބާރާތުގައި ވާދަކުރަނީ މަޖާކޮށްލުމަށް ކަމަށާ، މިމުބާރާތް އެހާ ބޮޑަށް ސީރިއަސްކޮށް ނުނަގާކަމަށެވެ. ނަމަވެސް ބޭނުންވަނީ ހަމައެކަނި އަންހެން ރާޅާ އެޅުންތެރިއަކަށް ވެހުރެ ފިރިހެން ރާޅާ އެޅުންތެރިންނާ އެއްވަރަކަށް މުބާރާތުގައި ވާދަކޮށްލުންކަމަށް ބެތެނީބުންޏެވެ.
" ރާއްޖޭގެ ރާޅު ގަނޑަކީ ވަރަށް ސާފު އަދި ރާޅާއެޅުންތެރިން ރާޅާއަޅާ ހިއްވާކަހަލަ ރާޅު ނަގާތަނެއް. އެހެން ގައުމުތަކުގެ ރާޅު މުޅިން ތަފާތު، ރާއްޖޭގައި ރާޅާ އެޅުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް. މިމުބާރާތުގައި އަހަރެން ބޭނުންވަނީ އަމިއްލަ ނަފްސަށް ވާދަކޮށްލަން، އަމިއްލަ ބެސްޓް ދިނުމަށް" ބެތެނީ ބުންޏެވެ.
ފޯސީޒަން ރިސޯޓްއިންބުނީ އުމުރުން 26 އަހަރުގެ ބެތެނީއަކީ އެހެން ރާޅާއެޅުން ތެރިންނަށް ލިބޭ ވަރަށް ބޮޑު ހިއްވަރެއްކަމަށެވެ. 2013ވަނަ އަހަރުން ރާޅާއެޅުމުގެ ތެރޭގައި ބެތެނީގެ އަތުގައި މިޔަރެއް ދަތް އެޅުމުން ވަނީ ވަރަށް ބޮަޑަށް އަނިޔާވެފައެވެ. ނަމަވެސް އެހާލަތުގައިވެސް ރާޅާއެޅުމުގައި ބެތެނީ ކުރިއަށްގޮސް، މިމުބާރަތުގައި ވާދަކުރުމަކީ މުބާރާތަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމަށްވެސް ފޯސީޒަން ރިސޯޓްއިން މަޢުލުމާތުދިނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހަވާއިގެ ޝޭން ޑޯރިއަންއާ ޖޭމީ އޯބްރަޔަން، ދެކުނު އެފްރިކާގެ ޓްރަވިސް ލޮގީއާ އޮސްޓްރޭލިއާގެ ތާޖް ބޮރޯއާ އެމެރިކާގެ ރޮބް މަޝާޑޯގެ އިތުރުން އެމެރިކާގެ އަންހެން ސާފިން ޗެމްޕިއަން ބެތަނީ ހެމިލްޓަންއެވެ.
މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާ ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.