ޚަބަރު

ތައިލޭންޑްގައި ބޭއްވި ޕަވަރލިފްޓިން މުބާރާތުން ރާއްޖެއަށް 4 ރަން މެޑަލް އަދި 2 ރިހި މެޑަލް


ތައިލޭންޑްގައި ބޭއްވި ތައި އެމެޗުއާ އެސޯސިއޭޝަން އޮފް ޕަވަރލިފްޓިންސް ނޭޝަނަލް ކޮލިފިކޭޝަން 2 ގައި ބައިވެރިވެރިވި ރާއްޖޭގެ ބައިވެރިން 4 ރަން މެޑަލް އަދި 2 ރިހި މެޑަލް ހޯދައިފިއެވެ.

ޕަވަރލިފްޓިން ރާއްޖޭގެ ނަމުގައި ހަރަކާތެރިވާ އެސޯސިއޭޝަންގެ ފަރާތުން މި މުބާރާތުގެ ރާއްޖޭން 6 ބައިވެރިން ވާދަކުރިއެވެ.

މި ސަރަހައްދުގެ ގައުމުތަކުން އެންމެ މަތީ ފަންތީގެ ބައިވެރިންނާއި ވާދަކޮށް ރާއްޖޭގެ ޕަވަރ ލިފްޓަރ ރާއްޖޭގެ އާދަމް މިބްސާމް ސަލީމް ވަނީ 66 ކިލޯގެ ޖޫނިއާ ކެޓަގަރީން 202.5 ކިލޯގެ ސުކުއަޓް އަދި 115 ކިލޯގެ ބެންޗްޕްރެސްއާއި އެކު ޖުމްލަ 260.5 ކިލޯ އުފުލައިގެން 66 ކިލޯގެ ޖޫނިއާރ ތައި ނޭޝަނަލް ރެކޯޑެއް ގާއިމުކޮށް އެއްވަނަ އާއިއެކު ރަން މެޑަލް ހޯދާފައެވެ.

މިބްސާމް ވަނީ ތައި ރެކޯޑެއް މުގުރާލުމުގެ އިތުރުން މުޅި މުބާރާތުން ދެވަނަވެސް ހޯދާފައެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ރިކްޒު އާދިލް ޖަލީލް ވަނީ ފިރިހެނުންގެ 59 ކިލޯގެ އޯޕަން ކެޓަގަރީގައި ވާދަކޮށް 135 ކިލޯގެ ސްކުއަޓްއާއި 87.5 ކިލޯގެ ބެންޗް ޕްރެސްއާއި 165 ކިލޯގެ ޑެޑްލިފްޓް ފުރިހަމަކޮށް ޖުމުލަ 397.5 ކިލޯ އުފުލައިގެން އެއްވަނަ ހޯދާ ރަން މެޑަލް ހާސިލް ކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އިބްރާހިމް ޠާއިފް އަހުމަދު ވަނީ ފިރިހެނުންގެ 66 ކިލޯގެ އޯޕަން ކެޓަގަރީން 127.5 ކިލޯ ސުކުއަޓް އާއި 75 ކިލޯގެ ބެންޗް ޕްރެސް އާއި 195 ކިލޯގެ ޑެޑްލިފްޓް ފުރިހަމަކޮށްގެން ޖުމްލަ 397.5 ކިލޯގެ ބަރު އުފުލައިގެން އެއްވަނަ ހޯދާ ރަން މެޑަލް ހާސިލްކޮށްފައެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި މަރިޔަމް އަފްޒާ ހަސަން ވަނީ އަންހެނުންގެ 47 ކިލޯގެ އޯޕަން ކެޓަގަރީން 76 ކިލޯގެ ސްކުއަޓް އަދި 40 ކިލޯގެ ބެންޗް ޕްރެސް އާއި 122،5 ކިލޯގެ ޑެޑްލިފްޓް ފުރިހަމަކޮށް ޖުމްލަ 237.5 ކިލޯ އުފުލައިގެން އެއްވަނަ ހޯދާ ރަން މެޑަލް ހާސިލްކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރި ދީނާ އަބޫބަކުރު ވަނީ އަންހެނުންގެ 63 ކިލޯގެ އޯޕަން ކެޓަގަރީން 110ކިލޯގެ ސްކުއަޓް އަދި 55 ކިލޯގެ ބެންޗްޕްރެސް އާއި 127.5 ކިލޯގެ ޑެޑްލިޕްޓް ފުރިހަމަކޮށް ޖުމްލަ 292.5 ކިލޯ އުފުލައިގެން ދެވަނަ ހާސިލްކޮށް ރިހި މެޑަލް ހޯދާފައެވެ.

އަދި ރާއްޖޭގެ އިމްކާން އިބްރާހިމް ވަނީ ފިރިހެނުންގެ 75 ކިލޯގެ އޯޕަން ކެޓަގަރީގައި ވާދަކޮށް 200 ކިލޯގެ ސުކުއަޓް ފުރިހަމަކޮށް 135 ލިކޯގެ ބެންޗް ޕްރެސް އާއި 225 ކިލޯގެ ޑެޑްލިފްޓާއި އެކުު ޖުމްލަ 560 ކިލޯ އުފުލައިގެން އެ ކެޓަގަރީގެ ދެވަނަ ހޯދާ ރިހިމެޑަލް ހާސިލްކޮށްފައެވެ.

ރާއްޖޭގެ އެތުލީޓުން 4 ރަންމެޑަލް އަދި 2 ރިހިމެޑަލް މި މުބާރާތުން ހޯދާފައިވާއިރު މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ބައިނަލްއަގްވާމީ ކާމީޔާބީއެއް ކަމަށް ވެއިޓް ލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެތުލީޓުން ވަނީ މި ފަދަ މުބާރާތްތަކުގައި ބައިވެރިވެފައެވެ.