ރާއްޖެއަށް ކުރިމަތިވެފައިވާ ތަރައްޤީގެ އެންމެ ބޮޑު އެއް ހުރަހަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. މާލެ ސަރަޙައްދުގައާއި އަތޮޅުތަކުގެ ރަށްތަކަށްވެސް ކުރިމަތިވެފައިވަނީ މިމައްސަލައެވެ. އެހެންކަމުން އެންމެ އާބާދީ ބޮޑު މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާލެ ސަރަޙައްދުގައި އެކި މަރުޙަލާތަކުގައި ބިންހިއްކުމަށް ކުރަމުން އަންނަ މަސައްކަތްތައް ލަސްވެގެން ދިޔުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރުކުރާފަދަ މަޝްރޫޢުތަކެކެވެ. ބިން ހިއްކުމުގެ މަޝްރޫޢުތަކަކީ އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީ ގޮތުންވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ މަޝްރޫޢުތަކެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މި މަޝްރޫޢުތަކާއެކު ސިނާޢީ ބޮޑެތި ބަދަލުތަކެއް މިސަރަޙައްދަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް އަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ގްރޭޓަރ މާލެ އޭރިއާގައި 5 ސަރަޙައްދަކުން 1667 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ. މިގޮތުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން، ހުޅުމާލޭ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިހާތަނަށް ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. ގުޅީފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން
ނިންމި 192 ހެކްޓަރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެސަރަޙައްދުން އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ.
ހަމަމިއާއެކު ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށްވަނީ ގާތްގަނޑަކަށް 60 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައެވެ. ސަރުކާރުގެ ސިނާޢީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އުތުރު ތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އުއްމީދީ މަޝްރޫޢުކަމުގައިވާ ރަސްމާލެ މަޝްރޫޢަށް ފުށިދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ. މީގެ ދަށުން މިހާތަނަށްވަނީ 129 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައެވެ.
މިއީ ބޯހިޔާވަހިކަމާއި ތަރައްޤީގެ ބޮޑެތި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ބިންކަމަށްވުމާއެކު މިސަރަޙައްދުތައް ހިއްކުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މިގޮތުން މިމަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މިގޮތުން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި 45000 ޓަނުގެ 2 ހޮޕަރ ޑްރެޖަރއާއި، 11000 ޓަނުގެ ހޮޕަރ ޑްރެޖަރއެއް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފެށުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.
މިއާއެކު ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުތައް ނިމިގެންދާއިރު މުޅި ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނައުވާނެ ގިނަ މަސައްކަތްތަކެއް މިސަރަޙައްދުތަކުގައި ފެށިގެންދާނެއެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާނެ ވިޔަފާރީގެ އެކި މަޝްރޫޢުތަކާއި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކާއެކު އެމައްސަލައަށްވެސް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.