ޚަބަރު

ޒަކާތުގެ ޤާނޫނު: ފަޤީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކޮށް، ހަމަހަމަކަން ޤާއިމުކުރެވޭނެ


  • ދެމެހެއްޓެނިވި ތަރައްޤީގެ ވަޞީލަތެއްގެ ގޮތުގައި ޒަކާތް ބޭނުންކުރެވޭ ގޮތާމެދު ވިސްނަންޖެހޭ

  • ޓެކްސްއާއި ޒަކާތުގެ ތަފާތާމެދު މީހުން ހޭލުންތެރިކުރަންޖެހޭ

ޒަކާތުގެ ޤާނޫނާއެކު ފަޤީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކޮށް، އިޖުތިމާޢީ ހަަމަޖެހުން ޤާއިމުކުރެވޭނެކަމަށް މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ޑރ. ޢާއިޝަތު މުނީޒާ ވިދާޅުވެއްޖެއެވެ.

ޑރ. މުނީޒާ މިހެން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުންނެވެ.

ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޢާއިޝަތު މުނީޒާ ވިދާޅުވީ މިއަހަރުގެ ޒަކާތު މަހާސިންތާ ބޭއްވިގެން މިދަނީ ފުރަތަމަ ފަހަރަށް ޒަކާތު ބިލެއް މަޖިލީހަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައިކަމަށާއި އެފަދަ ޤާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. މުނީޒާ ވިދާޅުވީ ފަޤީރުކަމާއި ހަމަނުޖެހުން އޮތް ދުނިޔެއެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ވަޞީލަތެއްގެ ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ޒަކާތް ބޭނުންކުރެވޭ ގޮތާމެދު ވިސްނާލުން މުހިންމު ކަމަށެވެ. އަދި ޓެކްސްއާއި ޒަކާތުގެ ތަފާތާމެދު މީހުން ހޭލުންތެރިކޮށް، ޒަކާތުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބޭ ފައިދާތަކަށް އަހުލުވެރިކުރަންޖެހޭ ކަމަށް މުނީޒާ ވިދާޅުވިއެވެ.

ޑރ. މުނީޒާ ވިދާޅުވީ ޓެކްސްގެ ޤާނޫނެއް އޮތް ނަމަވެސް، ޒަކާތަށް ވަކިން ޤާނޫނެއް އޮންނަންޖެހެނީ ޓެކްސްއާ ޚިލާފަށް ޒަކާތަކީ ފަޤީރުކަން ނައްތަލާއި، ފަޤީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކޮށް، އިޖުތިމާޢީ ހަަމަޖެހުން ޤާއިމުކުރެވޭ އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ނިޒާމަކަށްވީތީ ކަމަށެވެ. އަދި ޤައުމީ ތަރައްޤީގެ ސިޔާސަތުގައިވެސް ޒަކާތުގެ ނިޒާމު ހަރުދަނާކުރަން ހިމަނަންޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ޒަކާތަކީ މީހެއްގެ ދިރިއުޅުން ފަޤީރުކަމުން މުއްސަނދިކަމަށް ބަދަލުކޮށްދެވޭ އެއްޗެއް. ފަޤީރުކަން ނައްތާލާ އާލާތެއްގެ ގޮތުގައި ޒަކާތް ބޭނުންކުރަންޖެހޭ. ޒަކާތު މަހާސިންތާ ބާއްވާއިރު، ނިޒާމު ތަރައްޤީކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ." ޑރ. މުނީޒާ ވިދާޅުވިއެވެ.

ޑރ. މުނީޒާ ވިދާޅުވީ ޓެކްނޮލޮޖީގެ އައު ވަޞީލަތްތަކާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.

"އިންޓަނެޓް އޮފް ތިންގްސް، އައިއޯޓީގެ ޚިދުމަތް ބޭނުންކޮށްގެން ގޭބިސީތަކުގެ ފަޤީރުކަން ހުރި މިންވަރު ރިއަލް-ޓައިމްގައި މިންކޮށް އެންމެ ބޭނުންވާ މީހާއަށް ޒަކާތް ފޯރުކޮށްދެވޭނެ މަގު ތަނަސްވެގެންދާނެ." ޑރ. މުނީޒާ ވިދާޅުވިއެވެ.

ޑރ. މުނީޒާގެ ވާހަކައިގައި ޒަކާތުގެ ނިޒާމުގެ އެންމެ އަސާސީ ކަންކަމުން ފެށިގެން މީހުން ހޭލުންތެރިކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ މިހާރު ފަށާފައިވާއިރު، މިއަހަރުގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ. މިއަހަރުގެ މަހާސިންތާގައިވެސް ޝިޢާރާ ގުޅޭ ގިނަ މަޢުޟޫތަކަށް ކަމުގެ މާހިރުންނާއި ތަޖުރިބާކާރުން ވާހަކަދައްކަވާނެއެވެ.