ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި، ހާލުބެލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ 16 އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު އޮޅުން ފިލުވައިފިއެވެ.
ކޮންމެ ސަރުކާރެއްވެސް އަންނަނީ ރައްޔިތުންގެ ހާލުބަލާ، ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލުގެނެސްދިނުމުގެ ވަޢުދާއެކުގައެވެ. އެހެންނަމަވެސް ދައުރެއް ނިމިގެންދާއިރު ރައްޔިތުންގެ ހާލުބަލަން ސަރުކާރުގެ އިސްވެރިންނަށް ދެވެނީ މަދުފަހަރެއްގައެވެ. އަދި ވުޒާރާތަކުގެ ބޭފުޅަކަށް ރައްޔިތުން ގާތަށް ދެވެނީ މައްސަލައެއް ބޮޑުވެ ސޯޝަލް މީޑިއާގައި ޝުޢޫރުތައް ބަންޑުންވާން ފެށުމުންނެވެ. އެހެންނަމަވެސް މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިމަންޒަރު ބަދަލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، މައްސަލަތައް އޮޅުންފިލުވުމަށް ވަޑައިގަންނަވަމުން ގެންދަވާއިރު ރައްޔިތުންގެ ހާލު ބެލުމަށް އެންމެ ގާތުން މަސައްކަތް ކުރަމުންދާ ސަރުކާރުގެ ވުޒާރާއަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއެވެ. އެވުޒާރާއިން މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ 16 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުބެލުމަށް އެތައްހާސް ގޭބިސީއަކަށްވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި މިހާރުވެސްދަނީ މިޒިޔާރަތްތައް ކުރިއަށެވެ.
އެވުޒާރާގެ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ދަޢުލަތުގެ ޚާއްސަ ސަމާލުކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 30ވަނަ ދުވަހު، ހުޅުމާލެ ދެވަނަ ފިޔަހީގެ ހިޔާ ފްލެޓްތަކުންނެވެ.
..ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މި ވުޒާރާއިން ކުރިއަށްގެންދާ 'ޙާލު ކިހިނެއް؟' ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފ. އަތޮޅުގައި ފަށައިފި.
— Ministry of Social and Family Development (@MSFDmv) August 21, 2025
މި ޕްރޮގްރާމުގެ ތެރެއިން ފ. ބިލެއްދޫގެ ގޭބީސީތަކަށް… pic.twitter.com/VwrbJllz3h
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހުފާ ވިދާޅުވީ، "ހާލު ކިހިނެއް؟" ޕްރޮގުރާމްގައި، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ފާހަގަކުރެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ރާއްޖޭގެ 4 އަތޮޅު ފިޔަވާ އެހެން ހުރިހާ ރަށެއްގައި މިޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވާކަމަށް ލަހުފާ ވިދާޅުވިއެވެ.
"ރާއްޖޭގެ 4 އަތޮޅު ފިޔާވާ އެހެން ހުރިހާ އަތޮޅެއްގަ މި ޕްރޮގްރާމް މިވަނީ މިހާރު ކުރިއަށް ގެންގޮސްފަ. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގަ ނުފެށި ހުރި 4 އަތޮޅުގަ ވެސް މި ޕްރޮގްރާމް ފަށައިގެން ކުރިއަށް ގެންދެވޭނެ." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހުފާ ވިދާޅުވިއެވެ.
މިނިސްޓްރީން މިވަނީ 4 އަތޮޅު ފިޔަވައި، ހުރިހާ އަތޮޅެއްގައި "ހާލު ކިހިނެއް؟" ޕްރޮގުރާމް ކުރިއަށް ގެންގޮސްފައެވެ. މިއީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ރައްޔިތުންގެ ހާލުއަހުވާލު ދެނެގަތުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.
މިޕްރޮގްރާމް އެންމެ ފަހުން ހިނގާފައިވަނީ ފ. އަތޮޅުގައެވެ. މިޒިޔާރަތުގައި، ފ. އަތޮޅުގެ ފީއަލި އަދި ބިލެއްދޫގެ 95 އިންސައްތަ ގޭބީސީތަކަށް ޒިޔާރަތްކޮށްފައިވާކަމަށް ލަހުފާ ވިދާޅުވިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު ވިދާޅުވީ މިއަހަރުގެ ތެރޭގައި މ، ވ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް "ހާލު ކިހިނެއް؟" ޕްރޮގުރާމް ފަށާނެކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ހިންގުންކަމަށެވެ. ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މަސައްކަތްކުރައްވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައިވެސް މިޕްރޮގްރާމް ފެށުމަށެވެ.
"ޙާލު ކިހިނެއް؟" ޕްރޮގުރާމް މިހާތަނަށް 16 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، މިޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުންގެ ފަރާތުން ހުށައަޅާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.