ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ މާދަމާ ފަށާނެއެވެ.
ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ މިމަހު ބާއްވާ ބައިނަލްއަޤްވާމީ ދެވަނަ މަހާސިންތާގައި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށެވެ. މިފަހަރުގެ މަހާސިންތާގައިވެސް ދީނީ ޢިލްމުވެރިންނާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތައް ހިމެނޭހެން ކަމާ ގުޅުން ހުރި އެކި ފަރާތްތައްއެއްތަނަކުން ބައްދަލުވެ މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
މިފަހަރުގެ މަހާސިންތާގައި ޚާއްސަ އިސްކަމެއް ދޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށްކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. އެގޮތުން ޒަކާތުގެ ތެރެއިން މި ޒާމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިގްތިޞާދެއް ބިނާކޮށް އެއިން ހޯދާ އާމްދަނީއަށް މި މަހާސިންތާގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024ވަނަ އަހަރުގައެވެ. އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް/ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.