ލުބްނާންގައި ދިރިއުޅޭ ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ މެންބަރުންގެ ހަތިޔާރު އަތުލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން ލުބްނާންގެ ސަރުކާރުން ހާމަކޮށްފިއެވެ. މިއީ، ޔަހޫދީންނާއި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ އެންގުމާއި ބިރު ދެއްކުމާ ގުޅިގެން ލުބްނާންގެ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅެކެވެ. ލުބްނާންގައި ހަރަކާތްތެރިވާ ފަލަސްޠީނުގެ މުޖާހިދުންގެ ހަތިޔާރު އަތުލުމަށް ޔަހޫދީންނާއި އެމެރިކާއިން ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ލުބްނާންގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ ބެލުމުގެ ދަށުގައި ހުރި ހަތިޔާރު އަތުލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނީ، ދައުލަތް ނޫން ހުރިހާ ފަރާތެއްގެ ބާރުގެ ދަށުގައި ހުރި ހަތިޔާރެއް ދައުލަތުގެ ބާރުގެ ދަށަށް ގެންދިޔުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ކަމުގައެވެ. މި ގޮތުން، ފުރަތަމަ ހަތިޔާރު އަތުލުމަށް ހަމަޖެހިފައި ވަނީ ވެރިރަށް ބައިރޫތުގައި ހުރި ބުރްޖު އަލް-ބަރާޖީނާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މުޖާހިދުންގެ ހަތިޔާރުތަކެވެ. އެ މަސައްކަތް އޮގަސްޓު 21ވަނަ ދުވަހު ފަށާފައިވާ ކަން ލުބްނާންގެ ސަރުކާރުން ހާމަކުރިއެވެ.
ލުބްނާންގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހަތިޔާރު އަތުލުމުގެ އޮޕަރޭޝަން އެ ޤައުމުގައި 12 ސަރަޙައްދެއްގައި ހުރި އެހެން ރެފިއުޖީ ކޭމްޕުތަކާއި ސަރަޙައްދުތަކަށް ފުޅާ ކުރާނެ ކަމުގައެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތް، ފަތުޙުން ބުނީ، ބުރްޖު އަލް-ބަރާޖީނާ ކޭމްޕުގައި ދިރިއުޅޭ މުޖާހިދުންގެ އަތުގައި ހުރި ބައެއް ހަތިޔާރު ލުބްނާންގެ ކަމާ ގުޅޭ އިދާރާތަކާ ޙަވާލު ކުރަން ފަށާފައިވާ ކަމުގައެެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނެނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ނުޤަވާޢިދުން އެތެރެ ކޮށްފައިވާ ހަތިޔާރުތައް އެކަނި ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
ލުބްނާންގެ ސަރުކާރުން ފަށާފައިވާ އޮޕަރޭޝަންގެ މަންޒަރުތައް ފެންނަ ވީޑިޔޯތަކެއް ވަނީ ޢާންމު ކޮށްފައެވެ. އެ ވީޑިޔޯތަކުން ފެންނަނީ، ބުރްޖު އަލް-ބަރާޖީނާއަށް ލުބްނާންގެ އަސްކަރިއްޔާގެ އުޅަނދުތަކެއް ވަންނަ މަންޒަރެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ކޭމްޕުގައި ދިރިއުޅޭ ފަލަސްޠީނުގެ މުޖާހިދުންގެ އަތުގައި ހުރި ހަތިޔާރުތައް ލުބްނާންގެ އަސްކަރިއްޔާއާ ޙަވާލު ކުރަން ފަށާފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ.
ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލުމަށް ޔަހޫދީންނާއި އެމެރިކާއިން ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލުމާ އެކުގައެވެ.
ޙިޒްބުاللهން ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކުގައެވެ. ލުބްނާންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ބައިރޫތުގެ އިތުރުން ލުބްނާންގެ މައި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލާފައެވެ.
ޙިޒްބުاللهގެ ހަތިޔާރުތައް އަތުލުމަށް ވެސް ޔަހޫދީންނާއި އެމެރިކާއިން ދަނީ ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަމުންނެވެ. ޔަހޫދީންނާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ލުބްނާންގެ ސަރުކާރުން ވަނީ ޙިޒްބުاللهގެ ބާރުގެ ދަށުގައި ހުރި ހަތިޔާރުތައް އަތުލުމުގެ މަސައްކަތް ފަށައި، މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ތާވަލު ކޮށްފައެވެ. ނަމަވެސް، ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލައި، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ފޭބުމުގެ ކުރިން ހަތިޔާރު ބެހެއްޓުމަށް ޙިޒްބުاللهން ދަނީ އިންކާރު ކުރަމުންނެވެ.
ލުބްނާންގައި ތިބި ފަލަސްޠީނުގެ މުޖާހިދުންގެ ހަތިޔާރު އަތުލުމަށް ލުބްނާންގެ ރައީސް ޔޫސުފް ޢަވްނާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ދެމެދު މޭ މަހުގެ 21ވަނަ ދުވަހު ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. މިއީ، ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލު ރައްކާތެރި ކުރުމުގެ މަޤުޞަދުގައި އެކުލަވައިލާފައިވާ އެއްބަސްވުމެއް ކަމުގައި ލުބްނާންގެ ސަރުކާރުން ބުންޏެވެ. ނަމަވެސް، އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް މެދުކެނޑުމެއް ނެތި އަރައިގަންނަމުން ދަނީ ޔަހޫދީންނެވެ.