ފަލަސްޠީނުގެ ޣައްޒާ އިސްތިއުމާރު ކުރުމަށް ޔަހޫދީން ޙަމަލާތައް ދެމުންދާއިރު، އެ ސަހަރުގެ ކާޑުބަލި ޖެހިފައިވާ ކުދިންނަށް މިހާރުން މިހާރަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށް ނުދެވިއްޖެ ނަަމަ އެ ކުދިން ޝަހީދުވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށް އުންރުވާއިން ބުނެފިއެވެ.
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާނަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި ކާބޯތަކެތި ވެއްދުމަށް އިންތިހާއަށް ދަތިކުރަމުންނެވެ. އެއާއެކު ކާބޯތަކެތި ނުލިބި ބަނޑަށް ޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އޮގަސްޓު މަހުގެ 21ވަނަ ދުވަހާ ހަމައަށް ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 271 މީހުން ޝަހީދުވެފައިވާ ވެއެވެ. އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.
ޣައްޒާގައި ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ މީހުންނަށް އެހީ ފޯރު ކޮށްދޭ އދގެ އިދާރާ ކަމަށްވާ އުންރުވާގެ ކޮމިޝަނާ ޖެނެރަލް، ފިލިޕް ލަޒަރިނީ ވިދާޅުވީ މި އަހަރުގެ މާރިޗު މަހުން ފެށިގެން ޣައްޒާ ސިޓީގައި ކާޑުބަލި ޖެހިފައިވާ ކުދިންގެ ޢަދަދު ހަ ގުނައަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ލަޒިރިނީ ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގެ އާބާދީ ވަރަށް ބޮޑަށް ބަލިކަށިވެފައި ވަނިކޮށް، ޔަހޫދީންގެ އަސްކަރީ ޙަމަލާތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ރައްޔިތުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ޙަމަލާތަކުން ސަލާމަތްވާން އެހެން ސަރަޙައްދަކަށް ދާނެ މިންވަރަށް ވެސް ގިނަ މީހުންގެ ގައިގައި ހަކަތަ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ސިޓީގެ ކުޑަކުދިންނާ ގުޅޭގޮތުން ލަޒިރިނީ ވިދާޅުވީ އޭގެ ތެރެއިން ގިނަ ކުދިން މާ ގިނަ ދުވަހަށް ދިރިތިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި ޔަހޫދީން ޣައްޒާއަށް ކުރިމަތިކުރުވަމުންދާ ބަނޑުހައިހޫނުކަމުގެ ޙާލަތަކީ ގަސްތުގައި ރާވައިގެން، ވަކި ބޭނުމެއް ހާޞިލް ކުރުމަށް ކުރިމަތިކުރުވާ އާންމު ބަނޑުހައިހޫނުކަމުގެ ޙާލަތެއް ކަމަށެވެ. ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ޔަހޫދީން ކާބޯތަކެތި ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ބުނީ ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބަނޑަށް ޖެހިފައިވާ ކަމަށެވެ.