ޚަބަރު

ޔަހޫދީންގެ ވެރިން ހައްޔަރު ކުރަން ޢަމުރު ނެރުމުގައި ބައިވެރިވި އިތުރު ބަޔަކަށް އެމެރިކާގެ ފިޔަވަޅުތަކެއް


ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ދައުލަތުގެ އިސްވެރިން ހައްޔަރުކުރަން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ނެރުނު އަމުރާމެދު ހިތްހަމަނުޖެހިގެން، އެ ކޯޓުގެ އިތުރު ބަޔަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ލިސްޓަށް އައިސީސީގެ އިތުރު ދެ ފަނޑިޔާރަކާއި ދެ ޕްރޮސެކިޔުޓަރުން އިތުރުކޮށްފައިވާ ކަމަށެވެ.

ރޫބިޔޯ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އައިސީސީއަކީ އެމެރިކާ އާއި އިސްރާއީލުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އައިސީސީއާ މެދު އެމެރިކާއިން ނުރުހިގެން އުޅެނީ ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ދެ މީހުން ހައްޔަރުކުރަން އަމުރު ނެރުމުންނެވެ.

އިތުރު ބައެއްގެ މައްޗަށް އެމެރިކާއިން ފިޔަވަޅު އެޅުމުގެ އެ ނިންމުން އައިސީސީން ވަނީ ކުށްވެރި ކޮށްފައެވެ. އެ ކޯޓުން ބުނީ، ޓްރަމްޕްގެ ސަރުކާރުގެ އަމަލަކީ އެ ކޯޓުގެ ޝަރުޢީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމުގައެވެ. އަދި، އެތަކެއް މިލިޔަން ބަޔެއްގެ ޙައްޤުތައް ޙިމާޔަތްކޮށް، ކަށަވަރު ކޮށްދިނުމަށް އެ ކޯޓުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓަށް އިތުރުކޮށްފައިވަނީ، ކެނެޑާގެ ކިމްބަރލީ ޕްރޮސްޓް އާއި ފަރަންސޭސިވިލާތުގެ ނިކޮލަސް ގިލޯ އާއި ފިޖީގެ ނަޒްހަތު ޝަމީމް ޚާން އަދި ސެނެގާލްގެ މާމޭ މަންޑިއޭ ނިއަންގް އެވެ.

ގިލޯ އަކީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުނު ޝަރީއަތުގެ ކުރިން ބޭއްވި އިބްތިދާޢީ ޕެނަލެއް ބެލެހެއްޓި އައިސީސީގެ ފަނޑިޔާރެއް ކަމަށްވާއިރު، ޚާން އާއި ނިއަންގް އަކީ އެ ކޯޓުގެ ދެ ޑެޕިއުޓީ ޕްރޮސެކިއުޓަރުންނެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނާ ގޮތުގައި، އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރު ނެރުމާއި ދަމަހައްޓަން މި ތިން ބޭފުޅުން ވެސް އިސް ދައުރެއް އަދާކުރިއެވެ.

އަފްޣާނިސްތާން ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް އަލުން ތަޙުޤީޤު ކުރުމަށް ވެސް އައިސީސީން ވަނީ ނިންމައިފައެވެ.

ޕްރޮސްޓްއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅީ، އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންނާ ދެކޮޅަށް ތަހުޤީޤު ހިންގުމަށް އަމުރު ނެރެއްވުމުންނެވެ.

އެ އަމުރު ނެރުނު މައްސަލާގައި، އެމެރިކާއިން މީގެ ކުރިން ވަނީ އައިސީސީގެ ހަތަރު ފަނޑިޔަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އައިސީސީން އެ އަމުރު ނެރެފައިވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެންނެވެ.

އައިސީސީއަކީ ޤަތުލުޢާންމުތަކާއި، އިންސާނިއްޔަތުކަމާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް ތަޙުޤީޤު ކުރުމަށް 2002ވަނަ އަހަރު ޤާއިމު ކޮށްފައިވާ ކޯޓެކެވެ. އެ ކޯޓަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު އެ ކޯޓުގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ވެސް ލިބިގެންވެއެވެ. އެމެރިކާއާއި ޗައިނާ އަދި ރަޝިޔާގެ އިތުރުން ޔަހޫދީ އިސްރާއީލަކީ އެ ކޯޓުގެ މެންބަރުންނެއް ނޫނެވެ.