ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޕްރޮގްރާމަކީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު''އަށް އަމަލުކުރަން ފެށުމުގެ ކުރިން މިގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މަހު 20 ވަނަ ދުވަހު މާލެ ސިޓީގައި ފެށި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު''އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމަކީ މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިޕްރޮގްރާމުގެ ތެރެއިން އިއްޔެ އެކަނި ވެސް މާލޭގެ 138 ފިހާރައަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށެވެ.
އެގޮތުން، ގާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާއިރު، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ޚާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައި ބުނެދީ އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ނުވިއްކުމަށް އިލްތިމާސްކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ގާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތުންވެސްވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
.''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް ފަށައިފިhttps://t.co/clXTpssFAL pic.twitter.com/Ri2vD2O4Rm
— Maldives Police (@PoliceMv) August 21, 2025
މީގެ އިތުރުން އެކި ކަހަލަ ކުށްތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ. އެގޮތުން، މަސްތުވާތަކެއްޗާއި، ވައްކަމުގެ މައްސަލަތަކާއި، ސްކޭމް ފަދަ ކުށްތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި، މިފަދަ ކުށްތަކުން ރައްކާތެރިވުމަށް ތިމާގެ ފަރާތުން އަނެކާއަށް ވެސް މައުލޫމާތު ހިއްސާކޮށްދިނުމަށް ހަނދާންކޮށްދީފައިވެއެވެ.
އަދި ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ. އަދި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުން މުޖުތަމައުގައި ކުށްކުރާ މިންވަރު މަދުކުރެވޭނެކަމަށާއި، މީހަކު ކުށެއް ހިންގަން އުޅޭކަމަށް ތިމާއަށް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިނުމަށް ވެސް ނަސޭހަތްތެރިވެފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ވިޔަފާވެރިންނާއި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތު ހިމެނޭ ސްޓިކާ ފިހާރަތަކުގައި ތަތްކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމް، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގެ ފިހާރަތަކުގެ އިތުރުން ގަރާޖުތަކާއި ތަންތަން ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކަށް ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.