ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު ކުލަބު ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތައް ފެށީ ޒުވާން ކުޅުންތެރިންތަކަކާއި އެކުގައި ކަމަށާއި އުންމީދަކީ ކުރިޔަށް އޮތް ސީޒަނުގައި ދެވޭ އެންމެ ރަނގަޅު ހިސާބަކަށް ދިއުން ކަމަށް އެ ކުލަބުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.
ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއގައި ނިސްތާރި ބުނީ އުންީދަކީ ރަނގަޅު ހިސާބަކަށް ކުލަބު ގެންގޮސްދިނުން ކަމަށާއި ވެވުނު އެންމެ ރަނގަޅަކަށް އައު ސީޒަނަށް ތައްޔާރުވާނެ ކަމަށެވެ
ގްރީން ސްޓްރީޓްސްއަކީ އަބަދުވެސް ކުރިޔަށް ބަލާ ކުލަބެއް ކަމަށާއި ފާއިތުވެދިޔަތަނުގައި ކުލަބަށް ދިމާވި ކަންކަމާމެދު ނުވިސްނާނެ ކަމަށްވެސް ކޯޗު ބުންޏެވެ. އަހަރުގެ ކުރީކޮޅު އެޓީމަށް އޮތީ މާލީ އުނދަގޫތަކާއި ކުރިމަތިވެފައެވެ. އެހެންނަމަވެސް ކޯޗު ބުނީ މިހާރު އެވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ޓީމާއެކު ކުރިޔަށް ދާން ކަމަށެވެ. އޭޕްރީލުމަހު ސީޒަން ފަށަން އެފްއޭއެމުން އިއުލާނުކުރުމުން ބަޖެޓްގެ ދަތިކަމާހުރެ އޭރު ޕްރެކްޓިސް ނުފަށާ ކުލަބުތަކުގެތެރޭގައިވެސް ގްރީން ސްޓްރީޓްސް ހިމެނުނެވެ.
”އުންމީދުކުރެވޭ އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް އާ ޕްލޭޔަރުން އެބައުޅޭ ޒުވާން ޕްލޭޔަރުންވެސް ގޮސް އަނބުރާ އައިސްވެސް އެބައުޅޭ. ޓްރަޔަލް ޕްލޭޔާސްވެސް ވަރަށް ގިނަ. ހަފްތާއެއްވަރު ފަހުން އެނގޭނީ ސްކޮޑާއިމެދު އެއްޗެއް ބުނަން“ ނިސްތާރު ބުންޏެވެ.
ކުލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަން މުހައްމަދު ފަރުހާން ބުނީ އެކުލަބަށް އިރާދުކުރެއްވިއްޔާ ރަނގަޅު ފައިޓެއްދެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.
އޭނާ ބުނީ ސީޒަން ނުފެށި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ކުޅުންތެރިން މިތިބީ ވަރަށް ކުޅެން ބޭނުންވެފައި ކަމަށެވެ. އަދި އައު ސީޒަނަން އެ ކުލަބު ނިކުންނަނީ ގިނަ ޒުވާން ކުޅުންތެރިތަކެއް ހިމަނައިގެން ކަމަށާއި އައު ކުޅުންތެރިންވެސް ޓީމުގައި ހިމެނޭ ކަމަށެވެ.
”ގިނަ ޒުވާން ކުޅުންތެރިންލައިގެން މި ފެއްޓީ. އިރާދުކުރެއްވިއްޔާ ރަގަޅު ފައިޓެއް ދިނުން ގްރީންސްޓްރީޓްގެ އަމާޒަކީ. ބްރޭކެއް ދިޔައީމަ ހުރިހާ ކުޅުންތެރިންވެސް މި ތިބީ ވަރަށް ކުޅެން ބޭނުންވެފަކަންނޭންގެ. ފަރިތަކުރުންތައްވެސް ވަރަށް ރަނގަޅަށް ދަނީ“ ފަރުހާން ބުންޏެވެ.
ސެޕްޓެމްބަރު 15 ގައި ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަށް ތައްޔާރުވަމުން އަންނައިރު ކުލަބުތަކެއް އަންނަނީ ފަރިތަކުރަމުންނެވެ. 10 ކުލަބަކާއި އެކު މިއަހަރު ޕްރިމިއާ ލީގު ފަށާނީ 18 ސެޕްޓެމްބަރުގައެވެ.