60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ޔަހޫދީ އަސީރުން މިނިވަންކުރުމަށް ޙަމާސުން އެއްބަސްވެއްޖެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރަމުންދަނީ މިޞްރާއި ޤަޠަރާއި އެމެރިކާގެ އެހީތެރިކަމާއެކުގައެވެ.
މެދުވެރިންގެ ދައުރު ޢަދާކުރާ މިޞްރާއި ޤަޠަރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ދަށުން 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާއި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ދެބައިކުޅަ އެއްބައި މިނިވަންކުރުން ހިމެނެއެވެ. އޭގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ބައެއް އަސީރުން މިނިވަންކުރުމަށް ހުށަހަޅާފައިވެއެވެ. ޢަދި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ތަފްޞީލީ އޮނިގަނޑެއް އެކުލަވާލުމަށް ވެސް ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް މީގެ ކުރިން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކާ ވަރަށް އެއްގޮތް ހުށަހެޅުމެކެވެ. ޔަހޫދީން އޭރު ވަނީ ވިޓްކޮފްގެ ހުށަހެޅުން ޤަބޫލުކޮށްފައެވެ.
ޙަމަާސްގެ އިސް ބޭފުޅެއް ކަމަށްވާ ބައްސާމް ނަޢީމް ވަނީ އެންމެ ފަހުގެ ހުށަހެޅުން ޙަމާސުން ޤަބޫލުކޮށްފައިވާ ކަމަށް ފޭސްބުކް މެދުވެރިކޮށް ޔަޤީންކޮށްދެއްވައިފައެވެ. ޙަމާސުން ބުނީ ފަލަސްޠީނުގެ އެހެން ފެކްޝަންތަކުން ވެސް އެ ހުށަހެޅުމަށް އެއްބަސްވާ ކަމަށެވެ، ނަމަވެސް އެ ހުށަހެޅުމާމެދު ޔަހޫދީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔަހޫދީން ރާވަމުންދަނީ މުޅި ޣައްޒާ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށެވެ. ޔަހޫދީންގެ ހީލަތްތެރި ރޭވުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެެެއިން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ގޮވައިލައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ވެސް ބޮޑެތި މުޒާހަރާތަކެއް އޮގަސްޓު މަހުގެ 17ވަނަ ދުވަހު ބާއްވައިފައިވެއެވެ. މިއީ، ޣައްޒާ ޤަތުލުޢާންމާ ދެކޮޅަށް އަޑު އުފުލުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބާއްވާފައިވާ އެންމެ ބިޔަ މުޒާހަރާތަކެވެ.
އެއްގަމު މަގުން ޙަމަލާ ދިނުމަށް ޔަހޫދީން ތައްޔާރުވަމުންދާއިރު އެ ފަދަ ޙަމަލާތައް ދޭން ފެށުމުގެ ކުރިން ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ދަނީ ގެދޮރު ދޫކޮށް ހުޅަނގާއި ދެކުނުގެ ސަރަޙައްދުތަކަށް ބަދަލުވަމުންނެވެ. ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީން ދޭ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާންމުގައި މިހާތަނަށް 61،000އަށްވުރެ ގިިނަ މީހުން ޝަހީދުވެ، އެތައް ހާސް މީހުންނަށް ޒަޚަމްވެފައިވެއެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން އެއްބާރުލުން ނުދިނުމުގެ ސަބަބުން ބަނޑަށް ޖެހި، 263 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.