ޚަބަރު

2027ގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ ބިލު ތަޞްދީޤުކުރައްވައިފި


  • ފެނާއި ނަރުދަމާ ޚިދުމަތުގެ އަހަރީ ރިޕޯޓެއް ހުށައަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވޭ

  • ފެނާއި ނަރުދަމާގެ ނިޒާމާގުޅޭ ބައެއް ކުށްކުށުގެ އަދަބުތައްވެސް ކަނޑައަޅާފައިވޭ

ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ފެނާއި ނަރުދަމާގެ ޤާނޫނުގައި މީގެ ކުރިން އޮންނަ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ފެނާއި ނަރުދަމާގެ ޤާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެއެވެ. މި ޤާނޫނު ތަސްދީޤުކުރީ 2020 ވަނަ އަހަރުއެވެ. އެހެންކަމުން ޤާނޫނުގައި ބުނާ 5 އަހަރު ދުވަހުގެ މުއްދަތު މިއަހަރަށް ހަމަވާނެއެވެ.

ޤާނޫނަށް އިސްލާހު ހުށައަޅަން ބިލެއް ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަންޖެހޭ މުއްދަތު އިތުރުކުރުމެވެ. އެ ގޮތުން މިހާރު ހުށައަޅާފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ.

މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުޠުތައްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއްކުރާ ފަރާތެއްގެ އަދަބުވެސް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ކޮންމެ މީލާދީ އަހަރެއް ނިމުމުން ފެނާއި ނަރުދަމާ ޚިދުމަތުގެ ޕާސޯމެންސް ރިޕޯޓު ހުށައަޅަން އޮންނަ މާއްދާ ބިލުގައި ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ. އެ ގޮތުން ޚިދުމަތްދޭ ފަރާތުން ކުރިއަށް އޮތް އަހަރު ޚިދުމަތް ދިނުމަށް ކަނޑައަޅާ ގޮތުގެ ޕްލޭންއަކާއި ވޭތުވެދިޔަ އަހަރު އެ ފަރާތުން ފޯރުކޮށްދިން ޚިދުމަތް ފޯރުކޮށްދިން ގޮތާގުޅޭ ޕާފޯމަންސް ރިޕޯޓެއްގެ މައްޗަށް އެކުލެވޭ އަހަރީ ރިޕޯޓެއް ކޮންމެ މީލާދީ އަހަރެއް ނިމުމުން ހުށައަޅަންޖެހޭނެކަމަށް އައު ބިލުގައި ބަޔާންކުރެއެވެ.

މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިޢުކުރަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.މި ބިލު ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު މިވަނީ ޢަމަލުކުރަން ފަށާފައެވެ.