ޚަބަރު

25 އަހަރު މެދުކެނޑުމެއްނެތި އެތުލެޓިކްސްގެ އެންމެ އުހުގައި


އެތުލެޓިކްސް މުބާރާތްތަކުން މިހާރު މި ހޯދަމުންދާ ކާމިޔާބުގެ އަސްލަކީ އޭނާގެ ތަޖުރިބާ ކަމަށް ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓް ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ޝައްމޫން ބުނެފިއެވެ.

އޭނާ ވަނީ މެދު ކެޑުމެއްނެތި ވޭތުވެދިޔަ 25 އަހަރު ރާއްޖޭގައި ބޭއްވި އެތުލެޓިކްސްގެ އެކި މުބާރާތްތަކުގައި ވާދަކޮއްފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަދައްކަމުން ޝައްމޫން ބުނީ އުއްމީދު ކުރީ ސިފައިންގެ ޓީމުން އެއްވަނަ ހޯދާނެ ކަމަށާއި ޓީމަށް ތަށި ދިފާއު ނުކުރެވުމުން މާޔޫސްވި ކަމަށެވެ.

އެހެން ނަމަވެސް މުބަރާތުގައި އޭނާއަށް ދެއްކުނު ޕާފޯންސްއާ މެދު ޝައްމޫން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މިއަހަރުގެ އެސޯސިއޭޝަން ކަޕާއި، ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ލިބުމަކީ ޝައްމޫން ގަބޫލުކުރާ ގޮތުގައި އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރެވެ.

"މުބާރާތްތަކަށް ތައްޔާރުވާއިރު އެންމެ ބޮޑު އެހީތެރިކަމެއް މިލިބެނީ ތަޖުރިބާއިން، އެއީ 20 އަހަރު މިވަނީ ހަމައެކަނި ގައުމީ މުބާރާތުގައި ސިފައިންގެ ޓީމު ތަމްސީލު ކުރަމުންދާތާ" ޝައްމޫން ބުންޏެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޝައްމޫން ވަނީ އޭނާގެ އަމިއްލަ ރެކޯޑް ދަމަހައްޓާފައެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ރެކޯޑެއް ހެދީ 2002 ވަނަ އަހަރުއެވެ. މި އަހަރު ގައުމީ މުބާރާތުގައި ޝައްމޫން ވަނީ ޑިސްކަސް އުކުމުން ރަން މެޑަލް ހޯދުމުގެ އިތުރުން ޝޮޓްޕުޓް އުކުމުން ވެސް ރަން މެޑަލް ހޯދާފައެވެ.

މުބާރާތްތަކުގައި ލިބޭ ހިތްހަމަޖެހުމަކީ ތަޖުރިބާއިން ލިބޭ އިތުބާރާއި ޔަގީންކަން ކަމަށް ޝައްމޫން ވަނީ ފާހަގަކޮއްފައެވެ. ޑިސްކަސް އުކުމުގެ ރެކޯޑް އޮންނަ ޝައްމޫން ބުނީ މިއަހަރު ހޯދުނު ކާމިޔާބީ އަކީ އެންމެ ފުރަތަމަ މެޑަލް ހޯދިއަހަރު ހޯދުނު ފަދަ ކާމިޔާބެއް ކަމަށެވެ.

ވަޒީފާގެ ގޮތުން ރަށުން ބޭރުގައި މަސައްކަތް ކުރަންޖެހީ އެމްއެންޑީއެފް އޭރިޔާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ޝައްމޫން ފާހަގަކުރިއެވެ.

"އޭރިޔާ މަސައްކަތް ކުރާ ސިފައިންގެ ފަރާތުން ވަރަށް އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެންދޭ" ޝައްމޫން ބުންޏެވެ.

ކާމިޔާބު ހޯދެނީ ސިފައިންގެ ޓީމުން އޭނާއާ މެދު އޮންނަ ޔަގީން ކަމަކުން ކަމަށާއި ސިފައިންގެ ޓީމުން ފުރުސަތު ލިބެމުންދާތީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާވާ ކުލަބަށް ޝައްމޫން ވަނީ ޝުކުރު އަދާކޮއްފައެވެ.

ގައުމީ މުބާރާތުން ހޯދި ކާމިޔާބާ އެކު މި ވަގުތު ފޯމުގައި ހުރި އެތުލީޓު އެންމެ ބޮޑަށް މިހާރު އުންމީދު ކުރަމުންދަނީ އަންޑިޔާގަ އޮންނަ އޭޝިޔަން މާސްޓަރސް އެތުލެޓިކސް މުބާރާތުން ރާއްޖެއަށް މެޑަލެއް ހޯދައިދިނުމަށެވެ.