މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު، ޑޭވިޑް ލެމީ، އެމެރިކާގެ ނައިބު ރައީސް، ޖޭޑީ ވޭންސް ގޮވައިގެން މަސްވެރިކަމަށް ބޭނުންވާ ލައިސެންސް ނެތި މަހަށް ވަޑައިގަތުމުން ޤަވާއިދާ ޚިލާފުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޤަވާއިދުތަކުގެ ދަށުން އާއްމު ބިމެއްގައި ވެސް އަމިއްލަ ބިމެއްގައި ވެސް މަސްވެރިކަން ކުރެވޭނީ ޚާއްޞަ ހުއްދައެއް އޮވެގެންނެވެ. ރޮޑް ލައިސެންސް ކިޔައި މި ޙުއްދަ ލެމީ އަތްޕުޅުގައި ނޯވެއެވެ. އެ ލައިސެންސް ނެތި މަސްވެރިކަން ކުރުމަކީ 3400 އެމެރިކާ ޑޮލަރުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.
އިދާރީ މައްސަލައަކާ ގުޅިގެން މި ލައިސެންސް ނެތްކަން ލެމީއަށް އެނގިވަޑައިގަތުމާއެކު އޭނާ ވަނީ ވަގުތުން އެ ލައިސެންސް ހޯއްދަވައިފައެވެ. އަދި ލައިސެންސް ނެތި މަސްވެރިކަން ކުރެވުނު ކަމަށް އިޢުތިރާފުވެވަޑައިގަންނަވާ، އޭނާ ވަނީ އިނގިރޭސިވިލާތުގެ ތިމާވެއްޓާބެހޭ އިދާރާއަށް އެ ކަން އަންގަވައިފައެވެ. އިނގިރޭސިވިލާތުގެ މަސްވެރިކަން ރައްކާތެރިކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތަށް އޭނާ ޝުކުރު ޢަދާކުުރައްވާފައި ވެސް ވެއެވެ.
އިނގިރޭސިވިލާތުގައި މި ފަދަ ޤަވާއިދެއް ޤާއިމުކޮށްފައި ވަނީ އެ ޤައުމުގެ ކޯރުތަކުގައި ދިރިއުޅޭ މަހުގެ އާބާދީ ދަމަހައްޓައި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މަޤްސަދުގައެވެ. މަސްވެރިކަންކުރާ އުމުރުން 13 އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުގައި މި ލައިސެންސް އޮންނަން ޖެހެއެވެ.
ލެމީއާއި ވޭންސް މަސްދަތުރުގައި ވަޑައިގެންފައި ވަނީ ވޭންސް އިނގިރޭސިވިލާތަށް ކުރައްވަމުން ދިޔަ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ދަތުރުފުޅުގެ ރަސްމީ ޒިންމާތައް ނިންމަވައިލެއްވުމަށް ފަހު ވޭންސް ވަނީ އޭނާގެ ޢާއިލާއާއެކު ޗުއްޓީ ހޭދަ ކުރައްވައިފައެވެ. މަސްދަތުރުގައި ވޭންސްގެ ބައެއް ބޭފުޅުންނަށް ކާމިޔާބުކަމާއެކު މަސް ބޭނިފައިވެއެވެ. ނަމަވެސް ލެމީއަށް މަހެއް ބޭނިފައެއް ނުވެއެވެ. އެ ދަތުރުގައި ބޭނި ހުރިހާ މަހެއް ވަނީ އަލުން އަނބުރާ ކޯރަށް ދޫކޮށްލައިފައެވެ.