މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދިޔަ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުން ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު ކާމިޔާބުކޮށްފިއެވެ.
ސާއިދު މި ރޭސް ކާމިޔާބުކުރީ 10.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރޭހުގެ ދެވަނަ ހޯދީ ރައުހަތު ސްޕޯޓްސްގެ އަހުނަފް ރައްޔާން ފަހުމީއެވެ. އޭނަ ރޭސް ނިންމީ 11.25 ސިކުންތުންނެވެ. މި ހީޓުގެ ތިންވަނައަށ ދިޔައީ 11.46 ސިކުންތުން ރޭސް ނިންމި ޓްރެކް އެންޑް ފީލްޑްގެ އަތޫފް މުހަންމަދު އާތިފްއެވެ.
އަންހެނުންގެ 100 މީޓަރު ދުވުން ކާމިޔާބުކުރީ ހދ. ކުޅުދުއްފުށި ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރެއެވެ. އަހުނާ ރޭސް ނިންމީ 12.45 ސިކުންތުންނެވެ. އަހުނާ ވަނީ މިފަހުން ހދ.އަތޮޅުގެ ސުކޫލުތަކުގެ މެދު ބޭއްވި އިންޓަރ ސުކޫލު އެތުލެޓިކްސް މީޓް އެންމެ މޮޅު އެތުލީޓް މަގާމް ހޯދާފއެވެ.
މި ހީޓުން ދެވަނަ ހޯދީ 12.50 ސިކުންތުން ރޭސް ނިންމި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޒިވާ މުސާ ޝަފީއުއެވެ. ތިންވަނަ ހޯދީ އެކުލަބުގެ އައިޝަތު ޝަބާ ސަލީމްއެވެ. އޭނާ ރޭސް ނިންމާފަވަނީ 12.59 ސިކުންތުންނެވެ.
34 ވަނަ ގައުމީ އެތުލެޓިކިސް މުބާރާތުގެ އަންހެން އަދި ފިރެހެން ޗެމްޕިއަންކަން ހޯދާފަވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ސައިމް އަޒީޒްއެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދިވެހި ސިފައިންގެ ކުލަބު ހަސަން ޝަންމޫންއެވެ.