ކުއްލި ގޮތަކަށް ޔަހޫދީންގެ އަނިޔާވެރި ވަޒީރު އިތަމާ ބެން ގަވީރް ޖަލުގައި ހުންނެވި ފަލަސްޠީނުގެ މުޖާހިދު މަރްވާން ބަރްޣޫތީ ގާތަށް ގޮސް، ފަލަސްޠީނުގެ ރައްޔިތުން ނިކަމެތިކޮށްލާނެ ކަމަށް ބުނެ އިހާނެތި ބަސްތައް ރައްދުކޮށްފިއެވެ. އޭނާ ބަރްޣޫތީ ގާތަށް ގޮސް މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އިޒްރޭލާ އެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ޤާއިމް ކުރުމަށް ކުރެވޭ އުއްމީދު ވަޅުލާނެ ކަމަށް ޔަހޫދީންގެ ހައްދުފަހަނަ އަޅާފައިވާ އެހެން ވަޒީރެއް އޭގެ އެއް ދުވަސް ކުރިން ބުނެފައި ވަނިކޮށެވެ.
ބެން ގަވީރު ބަރްޣޫތީއަށް އިހާނެތި ބަސްތައް ރައްދުކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް، އޭނާ ވަނީ އެކްސްގައި ޙިއްޞާކޮށްފައެވެ. އެ މަންޒަރުތަކާ ގުޅޭގޮތުން ފަލަސްްޠީނިއަން އޮތޯރިޓީން ބުނީ ބެން ގަވީރުގެ ބަސްތަކަކީ ބަރްޣޫތީއަށް ދީފައިވާ ސީދާ އިންޒާރެއް ކަމަށެވެ. ފަަލަސްޠީނިއަން އޮތޯރިޓީން ބުނީ ބަރްޣޫތީ ގާތަށް ގޮސް ދީފައިވާ އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބަރްޣޫތީ އަކީ ފަލަސްޠީނިއަން އޮތޯރިޓީ ހިންގާ ފަތަޙް ޖަމާޢަތުގެ އިސް މެންބަރެކެވެ. ޔަހޫދީން ބަރްޣޫތީ ހައްޔަރުކޮށްފައި ވަނީ 2004ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ދެވަނަ އިންތިފާދާގެ ދުވަސްވަރު ޙަމަލާތައް ދިނުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތުގައެވެ. އޭނާ މި ތުހުމަތުުތައް ދޮގުކުރައްވައެވެ. ބަރްޣޫތީއަށް ތާއީދުކުރާ މީހުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގެ ރައީސްގެ މަޤާމާ ދެން ޙަވާލުވެވަޑައިގަންނަވާނީ ބަަރްޣޫތީއެވެ. ފަލަސްޠީނުގެ ބައިބައިވެފައިވާ ސިޔާސީ މަސްރަހު އަލުން އެކަތިގަނޑަކަށް ހެދޭނީ އޭނާއަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
2005ވަނަ އަހަރުން ފެށިގެން ފަލަސްޠީނިއަން އޮތޯރިޓީގެ އިންތިޚާބެއް ބާއްވާފައެއް ނުވެއެވެ. ފަަލަސްޠީނިއަން ސެންޓަރ ފޮރ ޕޮލިސީ އެންޑް ސަރވޭ ރިސަރޗުން މިދިޔަ މެއި މަހު ޝާއިރުކުރި ޕޯލްއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި ފަލަސްޠީނުގެ މިހާރުގެ ރައީސް މަޙްމޫދު ޢައްބާސްއާއި ޙަމާސްގެ ކުރީގެ އިސްވެރިޔާ ޚާލިދު މިޝްޢަލްއާއި ބަރްޣޫތީ ވާދަކުރައްވާ އިންތިޚާބެއްގައި ވޯޓުގެ 50 އިންސައްތަ ބަރްޣޫތީ ހޯއްދަވާނެ ކަމަށް ބެލެވެއެވެ.