މިއަހަރުގެ ފުރަތަމަ 29 ހަފްތާތެރޭ، ދަޢުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު 8.2 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރަގެ މި މުއްދަތުގެ ތެރޭގައި ދަޢުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ދަޢުލަތުން ކޮށްފައިވާ ޚަރަދު ވަނީ 16.7 އިންސައްތަ ދަށްވެފައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން މިހިންގާ އޮގަސްޓު މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 23.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.2 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 21.9 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ދެން އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްނޫން އާމްދަނީއެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދަޢުލަތަށް 18.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދަޢުލަތަށް 5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދަޢުލަތުގެ ބަޖެޓުން 22.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދަޢުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 16.7 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދަޢުލަތުގެ ރިކަރަންޓް ޚަރަދު 1.1 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުވަނީ 60.4 އިންސައްތައިން ދަށްވެފައެވެ.
ރިކަރަންޓް ޚަރަދުގެ 56.9 އިންސައްތަ ދަޢުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.4 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 17.8 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 19.9 އިންސައްތައިން ދަށްވެފައެވެ.
ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 5.3 އިންސައްތައިން ދަށްވެފައެވެ. މިއާއެކު ދަޢުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 9.1 އިންސައްތަ ވަނީ ދަށްވެފައެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދަޢުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.8 ބިލިޔަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.4 ބިލިޔަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 21.2 އިންސައްތައެވެ.
މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، އާސަންދައަށާއި، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް ޚަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.