މިސައިލް ބޭނުންކޮށްގެން ކުރާ ހަނގުރާމައަށް ޚާއްޞަ ފައުޖެއް ޕާކިސްތާނުން އުފައްދައިފައެވެ.
މިއަދު ފާހަގަކުރާ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ޙަފްލާގައި، "އާމީ ރޮކެޓް ފޯސް"ގެ ނަމުގައި ޙާއްޞަ ފައުޖެއް އުފެއްދިކަން އިޢުލާނުކުރައްވަމުން، އެ ޤައުމުގެ ބޮޑުވަޒީރު ޝެޙްބާޒް ޝަރީފް ވިދާޅުވީ، އެ ފައުޖުގައި އެންމެ ޒަމާނީ އާލަތްތަކާއި ޓެކްނޮލޮޖީގެ ޤާބިލުކަން ޤައިމުކުރެވޭނެ ކަމަށެވެ.
އަދި ހަނގުރާމައިގެ މައިދާނުގައި ޢާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ބޭރުން، ހުރިހާ ދިމާއަކުން ޙަމަލާދިނުމުގެ ޤާބިލުކަން މި ފައުޖުގައި ހުންނާނެކަމަށް، ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާތަބް ކުރައްވައި، ޝެޙްބާޒް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަމަވެސް، މި ފައުޖާ ގުޅޭ އިތުރު ތަފްޞީލެއް ނުދެއްވައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ޙަވާލާދީ ބައެއް މީޑިއާތަކުން ބުނީ، މި ފައުޖު ހިންގާނީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ ބޭރުން ވަކި ކޮމާންޑެއްގެ ދަށުން ކަމަށެވެ.
އަދި މި ފައުޖު ޙާއްޞަ ވާނީ ހަނގުރާމައިގެ މައިދާނުގައި މިސައިލް ޙަމަލާތައް ދިނުމަށް ކަމަށް ވެސް އެ ރިޕޯޓުތައް ބުނެފައިވެއެވެ.