އިންޑިއާގެ ޓެމިލްނާޑޫގައި ނިމިގެންދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ބައިވެރިވެ ރާއްޖެއަށް އޭޝިއަން ގޭމްސްގެ އިތުރު ޖާގަތައް ހޯދައިދިން ރާއްޖޭގެ ރާޅާއެޅުންތެރިންނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ އިސްވެރިންނާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު ބައްދަލުކުރައްވައިފިއެވެ.
ވަޒީރު ވަނީ ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އިތުރު ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދެއްވާފައެވެ. އަދި އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ އިތުރު ދެ ޖާގަ ހޯދައިދީފައިވާތީ އެކަން ފާހަގަ ކުރައްވާ އޭޝިއަން ގޭމްސްގައި ކާމިޔާބީ ހޯދުމަށްވެސް ރާޅާ އެޅުންތެރިންނަށް ވަޒީރުވަނީ ހިތްވަރު ދެއްވާފައެވެ.
ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ސާފިން އެސޯސިއޭޝަނުންވަނީ ކުޅިވަރު ވުޒާރާއިން ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކޮށްފައެވެ. އަދި ރާޅާ އެޅުންތެރިން ހޯދި ކާމިޔާބީގެ އަގު ވަޒަން ކުރައްވާ ވަޒީރު ހިތްވަރު ދެއްވާފައިވާތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ ޤައުމީ ސާފިން ޓީމުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ހޯދި ނަތީޖާތަކަށްފަހު އޭޝިއަން ގޭމްސްގެ އިތުރު އަންހެން އެތުލީޓަކާއި އިތުރު ފިރިހެން އެތުލީޓަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އަދި 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓަގަރީން ރާއްޖޭގެ އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ.
އަންނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 2 އަންހެން އެތުލީޓުންނާއި 2 ފިރިހެން އެތުލީޓުންނަަށް ބައިވެރިވެވޭނެއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދީ 18 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބުދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރީ އަޙްމަދު އާގިލް (އަންމަޑޭ) އާއި އިސްމާޢީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަޙްމަދު (ހޫބްސް) އެވެ.
މި މުބާރާތުގެ ވުމަންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރީ މަރިޔަމް ރާހިލް ނަސީމް (އަޔާ)، ރިޝްތާ ސުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒް) އެވެ.
ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސް 2026 ގައި ސާފިން މުޅިން އަލަށް ހިމަނާފައިވާއިރު މިއީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް ތާރީހީ މުބާރާތަކަށް ވާނެއެެވެ. އޭޝިއަން ގޭމްސް އޮންނާނީ 19 ސެޕްޓެމްބަރުން 04 އޮކްޓޫބަރުގެ ނިޔަލަށް ޖަޕާނުގައެވެ.