ޚަބަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ލޯ މެޑެލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް


އިންޑިއާގެ ޓެމިލްނާޑޫގައި ކުރިއަށްގެންދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ ސާފިން ޓީމު އެނބުރި މާލެ އައުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާޤް އިބްރާހީމް އާއި ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމީރެވެ. މީގެއިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައިީދެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ. އަދި ޖަޕާނުގައި އަންނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްއަށް ކޮލިފައިވެ އިތުރު ދެ ޖާގަ ރާއްޖެއަށް ވަނީ ލިބިފައެވެ.

އެހެންކަމުން އޭޝިއަން ގޭމްސްގަައި ރާއްޖޭން ޖުމްލަ 2 އަންހެން އެތުލީޓުންނާއި 2 ފިރިހެން އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު މިހާރުވަނީ ލިބިފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ލޯ މެޑެލް ހޯދީ 18 އަހަރުން ދަށުގެ ކެޓެގަރީގައި ވާދަކުރި ޔާސިން އަޙްމަދު ނާޝިދު، ކަޔާން ޢަބްދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަން ކެޓެގަރީގައި ރާއްޖޭން ވާދަކުރީ އަޙްމަދު އާގިލް (އަންމަޑޭ) އާއި އިސްމާޢީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަޙްމަދު (ހޫބްސް) އެވެ.

މި މުބާރާތުގެ ވުމެންސް އޯޕަން ކެޓެގަރީގައި ރާއްޖޭން ވާދަކުރީ މަރިޔަމް ރާހިލް ނަސީމް (އަޔާ)، ރިޝްތާ ސުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒް) އެވެ.

ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސް 2026 ގައި ސާފިން މުޅިން އަލަށް ހިމަނާފައިވާއިރު މިއީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް ތާރީހީ މުބާރާތަކަށް ވާނެއެެވެ. އޭޝިއަން ގޭމްސް އޮންނާނީ 19 ސެޕްޓެމްބަރުން 04 އޮކްޓޫބަރުގެ ނިޔަލަށް ޖަޕާނުގައެވެ.