ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް: ހަތަރުވަނަ ފަހަރަށް ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކުލަބަށް


ކްރިކެޓްބޯޑް އޮފް މޯލްޑިވިސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް މާލޭ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ދިވެހި ކްރިކެޓްގެ ޒަމާންވީ ވާދަވެރި ދެކުލަބުން ކުޅުނު ފައިނަލް މެޗު މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ސީބީއެލް ސްޕޯޓްސް ކުލަބާ ވާދަކޮށް ހަތަރު ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ހުކުރު ދުވަހުގެ މެންދުރު ފެށި މެޗުގެ ގުރުދިމާވުން މާލޭ ސްޕޯޓްސް ކުލަބުން ގަސްތުކުރީ ހޮވުމަށެވެ.

ސީބީއެލް އިން ކުޅެން އަރާ 20 އޯވަރުތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. މެޗުގެ މި އިނިންގްސްގައި ސީބީއެލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގައި ސީބީއެލްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މި އިނިންގްސްގައި ސަވިންދްރާ އަވަހަށް ނުބައިވެގެން ދިއުމެވެ. އެޓީމުގެ ފިޔާލައަށް ވެސް މާ ގިނަވަގުތު ގޭމުގައި ހުރެވޭ ގޮތްނުވެ ވަނީ ބޭރުވެފައެވެ.

އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 52 ލަނޑު ހެދި އަޝަން ޔާޕާއެވެ.
ޖަވާބުގައި މާލެ ސްޕޯޓްސް ކުލަބުން ކުޅެން އަރާ 17.5 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 130 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ.

ސީބީއެލް ހޯދީ ނަތީޖާގެ ސަބަބުން މި އިނިންގްސްގައި މާލޭ ސްޕޯޓްސް ކުލަބުން ކުޅުނީ ވަރަށް ބޮޑަށް ހަމަޖެހިގެން ތިބެއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފައިނަލު މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ރިޝްވާންއެވެ. ރިޝްވާން ވަނީ 46 ބޯޅައިން 61 ލަނޑު ހަދާފައެވެ.

މުބާރާތުގައި ފައިނަލު މެޗަށްފަހު ވަނީ މިއަހަރުގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިންނަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީބީއެލްގެ ތާރަކަ ރުވާން އެވެ.

މެޗަށްފަހު ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ.