ޚަބަރު

ލަބެރަ ބޮޑީބޯޑިން ޗެލެންޖް: މެންސް އޯޕަންގެ ޗެމްޕިއަންކަން އާމިންއަށް


ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2025 ގެ މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން މާލެ ސިޓީގެ އާމިން އުމަރު މޫސާ ހޯދައިފިއެވެ.

އާމިން އަކީ ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދި އެތުލީޓެވެ.

ހުކުރުދުވަހު ނިމިގެންދިޔަ ގައުމީ ބޮޑީ ބޯޑިން ލީގުގެ ދެވަނަ މުބާރާތް، ލަބެރަ ބޮޑީބޯޑިން ޗެލެންޖްގެ އެއްވަނަ އާމިން ހޯދީ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބަލިކޮށްގެންނެެވެ.

މެންސް އޯޕަން ކެޓަގަރީ އާމިން ކާމިޔާބުކުރީ ފައިނަލްގައި 13.17 ގެ ސްކޯއަކާއި އެކުގައެވެ. މި ކެޓަގަރީގެ ދެވަނަ ހޯދި އަލީ ޚުޝްރުވާނަށް ލިބުނީ 8.60 ގެ ސްކޯއަކުންނެވެ. ތިންވަނައަށް ދިޔައީ އިޔަން އަޙްމަދު އަދި ފުވައްމުލައް ސިޓީގެ މުޙައްމަދު އަޒާން އަޙްމަދެވެ.

މި މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ޚުސްރުވާން އަޙްމަދު (ކުޑަ އައްޔަ) އެވެ. ބުރުނު ޝިކާރު މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަން، އަލީ ޚުޝްރުވާން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިން އުމަރު މޫސާއާ ވާދަކޮށް 9.50 ގެ ސްކޯއަކުންނެވެ.

ދެވަނަ ހޯދި އަޒާނަށް ލިބުނީ 6.16 ޕޮއިންޓެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ އެއްވަރަކަށް ސްކޯ ކުރި ނޫހު މުޙައްމަދު ދުނެއިމް އިރުޝާދު އަދި މުޙައްމަދު އަޒާން އަޙްމަދެވެ.

މި މުބާރާތުގެ ޖޫނިއަރ މެންސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލައް ސިޓީގެ މުޙައްމަދު އަޒާން އަޙްމަދެވެ. އަޒާން މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިޔަން އާއި ވާދަކޮށް 13.17 ގެ ސްކޯއަކުންނެވެ.

ދެވަނަ ހޯދީ އިޔަން އަހުމަދަށް ލިބުނީ 6.33 ޕޮއިންޓެވެ. ތިންވަނަ ހޯދީ ނޫހު މުޙައްމަދު ދުނެއިމް އިރުޝާދާއި ނ. ޅޮހިން މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ހަސަން ނަދީހްއެވެ.

އޮގަސްޓް 5-8 ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދިޔަ ލަބެރަ ބޮޑީބޯޑިން ޗެލެންޖަށް ފަހު ގައުމީ ލީގުގައި ދެން އޮންނާނީ ބޮޑީބޯޑިންގެ ގައުމީ މުބާރާތެވެ. މި މުބާރާތް އޮންނާނީ ސެޕްޓެމްބަރުގައެވެ.