ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް ޚާއްސަ ކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށްގެންދިޔަ "ސްކޫލް ހޮލިޑޭ ކޭމްޕް ޖުލައި 2025" ނިންމައި، ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްފިއެވެ.
މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްކޫލް ހޮލިޑޭ ކޭމްޕްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 6 ދުވަހު މި ކޭމްޕުގައި ޖުމްލަ 130 ކުދިން ބައިވެރިވިއެވެ. އެއީ 9 އަހަރާއި 17 އަހަރުގެ އުމުރުފުރާގެ ދަރިވަރުންނެވެ.
މި ކޭމްޕުގެ ތެރެއިން 10 ވޯކްޝޮޕެއް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެތެރޭގައި ވީޑިއޯ އެޑިޓިން ކްލާސްތަކާއި، ކޯޑިންގ އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފެހުމާއި މާޖެހުމުގެ މަސައްކަތްތައް ދަސްކޮށްދޭ ކްލާސްތައް ހިމެނެއެވެ. މީގެއިތުރުން ޓީވީ ޕްރެޒެންޓިން ކުލާސްތަކާއި، ޕެއިންޓް އެންޑް ކްރާފްޓްގެ ކްލާސްތަކުގެ އިތުރުން ވޯކަލް ކްލާސްތަކެއްވެސް މި ކޭމްޕުގެ ތެރެއިން ކުރިއަށްގެންގޮސްފައިވެއެވެ.
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މަރިޔަމް ރުޝްދާ ވިދާޅުވީ މި ކޭޕްގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ވަރަށް މުހިންމު ހުނަރުތަކެއް ދަސްކޮށްދީފައިވާކަމަށެވެ.
"އެއީ ވަރަށް ބޭނުންތެރި ސްކިލްސްތަކެއް މި އޭޖްގެ ކުދިންނަށް. އެއީ ސްކޫލް އޭޖްގެ ކުދިންނަށް. މާނައަކީ 8 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަޅުގަނޑުމެން މި ޕްރޮގްރާމް ބޮޑަށް ފޯކަސްކޮށްފަ މި އޮންނަނީ. މި ޕްރޮގްރާމްގެ ތެރެއިން އެކުދިންނަށް މި ލިބެނީ މުސްތަޤްބަލަށް ވަރަށް ބޭނުންތެރި ހުނަރުތަކެއް". ރުޝްދާ ބުންނެވެ.
އެމްއެމްއައިގެ ޕްރެޒެންޓިން ވޯކްޝޮޕްގައި ބައިވެރިވި ދަރިވަރުން ވަނީ މި ކޭމްޕުން އެކުދިންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށްފައެވެ.
އެމްއެމްއައި އިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ދާއިރާއިން އިތުރު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
ޕްރެޒެންޓިންގެ ދާއިރާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އެމްއެމްއައި އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ސްކޫލް ދަރިވަރުންނަށް އެކިއެކި ތަމްރީންތައް ފޯރުކޮށްދިނުމާއި، ޕްރެޒެންޓިން ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިމެނެއެވެ.