ހަމައެކަނި މާލެ ސިޓީގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބާއްވައި، ފުޓްބޯޅަ ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ލީޑަޝިޕުން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފީފާގެ ހެޑް އޮފް ގަވަރނަންސް ރޮއުފް ޓަނަރ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓަނަރ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން އެހީތެރިވެދޭނެ ކަމަށާއި، ޒުވާން ކުޅުންތެރިންގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފަން ޖެހޭ ކަމަށެވެ.
ފީފާގެ އުންމީދަކީ އެހެން ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކެކޭ އެއްފަދައިން ރާއްޖޭގެ އެފްއޭއިންވެސް ފުޓްބޯޅަ ކުރިއަރުވާ އިތުރަށް ތަރައްޤީކުރުން ކަމަށް ޓަނަރ ވިދާޅުވިއެވެ.
ޓަނަރ ވިދާޅުވީ އައު ހިންގާ ކޮމިޓީއެއް އެކުލަވާލެވި އެފްއޭއެމްގެ ހިންގުން އައު ޓީމަކާއި ހަވާލުކުރެވުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި އެފްއޭއެމްގެ އައު މެނޭޖްމެންޓުން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވާ އަތޮޅުތެރޭގެ ފުޓްބޯޅަ އާއި ޒުވާން ކުޅުންތެރިންނަށް ފޯކަސްކޮށްގެން މަސައްކަތްތައް ރާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓަނަރ ވިދާޅުވިއެވެ.
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ހަދާ އަތޮޅު ތެރޭގައި ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރުމަކީ އެފްއޭއެމްގެ އައު ރައީސް އަހުމަދު ޠާރިޤުގެ ވައުދެކެވެ.
އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް މަގާމަށް ގެނެސް ހަމައެކަނި މާލޭގައި މުބާރާތްތައް ކުޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް މުބާރާތްތައް އަތޮޅު ތެރޭގައި ބޭއްވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށްވެސް ޠާރިޤް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުނަރުވެރިން ގިނަ ކުޅުންތެރިންނަކީ އަތޮޅުތެރެއިން ތަމްރީނުވެގެން އައިސް މާލޭގެ ކުލަބުތަކުގައި ކުޅެ ގައުމީ ޓީމަށްވެސް މުހިންމު ދައުރެއް އަދާކޮށްދޭ ކުޅުންތެރިންކަމަށްވާއިރު ރާއްޖޭގެ ފުޓްބޯޅަ އަތޮޅުތެރޭގައި ކުރިއަރުވައިގެން އިތުރު ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކެއެވެ.
އަދި ކުޅިވަރު ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު ކުޅިވަރުތައް މުޅި ރާއްޖެއަށް ފުޅާކޮށް ލާމަރުކަޒު ކުރުމަށް އެ ގާނޫނުން ލާޒިމުކުރެއެވެ.