ޚަބަރު

އަހަަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފި


  • މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %9.9 އިތުރު އަދަދެއް

  • މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިޔަން ރުފިޔާ

މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި 17 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.1 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އާސަންދައިގެ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 1.0 ބިލިޔަން ރުފިޔާއެެވެ. އެހެންކަމުން މިއީ 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އޮތީ ގާތްގަނޑަކަށް 7 މިިލިޔަން ރުފިޔާއެވެ.

އާސަންދައިގެ ޚަރަދުތައް ބޮޑުވަމުންދިޔުމުގެ ކަންބޮޑުވުމާއެކު ރައްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ ޢަދަދު މަދުކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. ހަމައެއާއެކު އާސަންދައިގެ ދަށުން ކުރަމުންދާ އިސްރާފު ކުޑަކުރުމަށްޓަކައި ނިމިދިޔަ އޮކްޓޯބަރު މަހުވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމާ، އާސަންދައިގެ ދަށުން އެނޫން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭގޮތަށްވަނީ ބަދަލުގެނެސްފައެވެ.

ދައުލަތުން އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށްދަނީ ހޭދަކުރަމުންނެވެ. މީގެ ބޮޑުބައެއް ބޭސް ގަތުމަށް ހޭދަކުރާއިރު، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމުވެސް ސަރުކާރުން މިހާރުވަނީ ހަމަޖައްސަވާފައެވެ. މިއާއެކު ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ހޭދަ ކުޑަކޮށް އެ ފައިސާއަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ހޭދަކުރެވޭ ފައިސާއަށް ހެދުމަކީ ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިއްމު އަމާޒެކެވެ.