މިއަހަރުގެ ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ %11.5 އިތުރުވެއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި 2 އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރުވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިއަހަރު ވަނީ އިތުރުވެފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް 186،738 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 167،528 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %11.5 އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،308،582 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ.
• ޖަނަވަރީ: 214،863 ފަތުރުވެރިން
• ފެބްރުއަރީ: 214،091 ފަތުރުވެރިން
• މާރިޗު: 203،468 ފަތުރުވެރިން
• އޭޕްރީލް: 198،322 ފަތުރުވެރިން
• މެއި: 135،614 ފަތުރުވެރިން
• ޖޫން: 141،772 ފަތުރުވެރިން
• ޖުލައި: 186،738 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ 3 ޤައުމަކުން އައިސްފައެވެ. އެއީ
* ޗައިނާ: 192،370 ފަތުރުވެރިން
* ރަޝިއާ: 154،335 ފަތުރުވެރިން
* އިނގިރޭސިވިލާތް: 121،992 ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެއީ %73.1 އެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %22 އެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. ހުސްވި ޖުލައި މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6857 ފަތުރުވެރިން ވަނީ އައިސްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް މިހާރު ހުޅުވާފައިވާއިރު އެމްއޭސީއެލްއިން މަސައްކަތް ކުރަމުންދަނީ ފަތުރުވެރިކަމުގެ ހައި ސީޒަން އަންނަންވާއިރަށް ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއަރލައިންތަކެއްގެ އޮޕަރޭޝަންސްތައް އައު ޓާމިނަލްއަށް ބަދަލުކުރުމަށެވެ. މިއާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.