ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 41ވަނަ 'ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025' ގައި، ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 7 އިން 9 އަށް ޕާކިސްތާނުގެ ލާހޯރުގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމަށް ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ޕާކިސްތާނު ސަރުކާރުން ހިއްސާކޮށްފައިވާކަމަށެވެ. މި މައުރަޒުގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ފުރުޞަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް އަދި އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން 3 ރޭ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ޕާކިސްތާން ސަރުކާރުން ކަނޑައަޅާ އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއްވެސް ފޯރުކޮށްދެވޭނެ ކަމުގެ މައުލޫމާތުވެސް ޕާކިސްތާނު ސަރުކާރުން ހިއްސާކުރައްވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން [email protected] އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
"ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން" އަކީ ޕާކިސްތާން ކާޕެޓް މެނުފެކްޗަރާރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (ޕީސީއެމްއީއޭ) އާއި ޓްރޭޑް ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް ޕާކިސްތާން (ޓީޑީއޭޕީ) ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މައުރަޒެކެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ޕާލް ކޮންޓިނެންޓަލް ހޮޓެލްގައެވެ.
ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި މައުރަޒުގައި، ކާޕެޓް އަދި ފްލޯރިންގ ސިނާޢަތުގެ އިތުރުން ހޭންޑް މޭޑް ކާޕެޓް އުފެއްދުންތެރިންނާއި އެކްސްޕޯޓަރުން އެ ފަރާތްތަކުގެ އަގުހުރި އުފެއްދުންތައް ސްޓޯލްތަކެއްގައި ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެެވެ. މީގެ ތެރޭގައި ތަފާތު އެކި ޑިޒައިންތަކުގެ ކާޕެޓްތަކާއި، ރަގްތަކާއި، ތަޅުންގަނޑުގައި އެޅުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނެއެވެ.