ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާނުލާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ "ފަހި ޕޯޓަލް"ގައި ރެޖިސްޓާރވެ ލިޔެކިޔުންތައް އަޕްލޯޑްކުރަމުންދާ މިންވަރަކަށް، ސޮއިކުރުމަށް ގުޅަމުންދާކަމަށެވެ.
ފްލެޓު ލިބުނުކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މިހާތަނަށް 230އަށްވުރެ ގިނަ މީހުން އެއްބަސްވުންތަކުގައި ސޮއިކޮށްފަވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.
އެފްޑީސީން އެއްބަސްވުންތައް ހެދިނަމަވެސް، ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. މިގޮތުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާފައެވެ.
ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްޑީސީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފޮނުވާ ލިސްޓްގެ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އަދި ސޮއިކުރާ ސަރަޙައްދުގެ ޑެސްކްތައްވެސް އިތުރުކުރުމުގެ މަސައްކަތް އެފްޑީސީން ދަނީ ކުރަމުންނެވެ.
ފްލެޓްގައި ސޮއިކުރުމަށް ދިއުމުގެކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަނުން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާއި ގަޑި އެފްޑީސީން އަންގަމުންދާނެއެވެ. ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތްނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.