ޚަބަރު

ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ ލޯންގކޯސްގެ ޤައުމީ ރިކޯޑް އައުކޮށްފި


ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ލޯންގކޯސް ޤައުމީ ރިކޯޑް އައު ކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހި ޓީމު މިރިކޯޑް އާކޮށްފައިވަނީ 04:04.21 އިން ރޭސް ނިންމައިގެންނެވެ.

މިރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު, މިރާލް ޢައިން ލަތީފް، މުޙައްމަދު އާން ޙުސައިން އަދި މުޙައްމަދު ރިޙާން ޝިހާމް އެވެ.

މި އިވެންޓުގެ ޤައުމީ ރިކޯޑް އެންމެފަހުން އާކޮށްފައިވަނީ، 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި، 04.12.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

އެފަހަރުގެ ޤައުމީ ރިކޯޑް އާކުރި ޓީމުގައި ހިމެނުނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، ޢާއިޝަތު ޢުލްޔާ ޝާއިޤް، އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދު އެވެ.