ޚަބަރު

އިރުބެ މަތިވެރި ފުޓްސަލް ލީގު މިރޭ ފަށަނީ


މަތިވެރި އެސޯސިއޭޝަން ފޯ ރެކްރިއޭޝަން އެންޑް ސްޕޯޓްސް (މާންސް) އާއި އަންބަރު ގުރޫޕުން އިންތިޒާމުކޮށްގެން ބާއްވާ އިރުބެ މަތިވެރި ފުޓްސަލް ލީގު 2025 މިރޭ ފަށަން ހަމަޖެހިއްޖެއެވެ.

އއ. މަތިވެރީގައި ކުރިއަށް ގެންދާ އިރުބެ މަތިވެރި ފުޓްސަލް ލީގުގައި މިއަހަރު 6 ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި މަތިވެރީގެ 4 ޓީމަކާއި އއ. ބޮޑުފުޅަދޫގެ 2 ޓީމެއް ބައިވެރިވެއެވެ. ލީގު އުސޫލުން ކުރިޔަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ހަފްތާ ބަންދުގައެވެ.

މި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮސް ހަރަކާތްތެރިވާ ހަސަން ސިނާން ބުނީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ މަތިވެރީގައި ފުޓްސަލް ކުރިއަރުވާ އާލާކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދިނުމުގެ އިތުރުން ރަށުގައި އެކުވެރިކަން އާލާކުރުން ކަމަށެވެ.

ސިނާން ބުނީ މިއަހަރު ލީގުގެ ގަވާއިދަށް ބަދަލެއް ގެނެސްފައިވާނެ ކަމަށާއި އެގޮތުން 17 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކު ކޮންމެ ޓީމަކުންވެސް ކުޅެން ނެރެން ޖެހޭނެ ކަމަށާއި އެ ކުޅުންތެރިޔާ އަބަދުވެސް ދަނޑުމަތީގައި ހުންނަން ޖެހޭނެކަމަށެވެ. މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި ހުނަރު ތަރައްޤީކުރުމަށް އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15 ހާސް ރުފިޔާގެ އިނާމު ކަނޑައެޅިފައިވެއެވެ. މިއީ މަތިވެރީގައި މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.

ސެޕްޓެމްބަރު 19 ގެ ނިޔަލަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ އިރުބެ މަތިވެރި ފުޓްސަލް ލީގުގެ ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ އެސް ޔޫ ކޯނަރ އާއި އެކުއަޓިލް މަތިވެރިއެވެ.