ޚަބަރު

އާމްދަނީ އިތުރުވެ، އެމްޓީސީސީއަށް 27.9 މިލިޔަން ރުފިޔާގެ ފައިދާއެއް


  • ދެވަނަ ކުއާޓަރުގައި 490 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

  • އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތަކުން

މިއަހަރުގެ ދެވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް 27.9 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެމްޓީސީސީން ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން އެ ކުއާޓަރގައި 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު %17.7 އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 418.4 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.

އާމްދަނީ އިތުރުވުމާއެކު ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ވަނީ ޖުމްލަ ފައިދާގެގޮތުގައި 72.7 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި ކުންފުނި ހިންގައިގެން ވަނީ 49.7 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ކުންފުނި ހިންގައިގެން ވަނީ 1.3 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 27.9 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބިފައިވަނީ 19.6 މިލިޔަން ރުފިޔާގެ ގެއްލުމެކެވެ.

އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. އެގޮތުން ދެވަނަވަނަ ކުއާޓަރގައި މި ދާއިރާއިން ކުންފުންޏަށްވަނީ 498.9 މިލިޔަން ރުފިޔާ ލިބިފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމްޓީސީސީން ވަނީ 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އޭގެތެރެއިން 9 މަޝްރޫޢެއްގެ މަސައްކަތްވަނީ އެކުއާޓަރގެތެރޭގައި ނިމިފައެވެ. އަދި އެ ކުއާޓަރުގެތެރޭގައި 64 މަޝްރޫޢެއްގެ މަސައްކަތްވަނީ އަލަށް ފަށާފައެވެ.