ކުޅިވަރު

އޭދަފުށީގެ 14 އަހަރުން ދަށުގެ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތެއްގެ ދެވަނަ ހޯދައިފި


ބ. އޭދަފުށީގައި ކުރިއަށްދާ އާޖީލަކަށް އެކެޑަމީގައި ތަމްރީނުވަމުން އަންނަ 14 އަހަރުން ދަށުގެ ޓީމެއް ލަންކާވީ ސީރީޒް ކަޕް 2025 ގައި ވާދަކޮށް ދެވަނަ ހޯދައިފިއެވެ.

މެލޭޝިއާގެ ލަންކާވީގައި ޖުލައި މަހުގެ 25 އިން 27 އަށް ކުރިއަށްދިޔަ މިމުބާރާތުގެ ރަނަރަޕްކަން އާޖީލަކަށް އެކެޑަމީން ހޯދާފައިވަނީ ފައިނަލުގައި ޕާކިސްތާނުގެ ޓީމަކާ ވާދަކޮށްގެންނެވެ. މިމުބާރާތުގައި މި އުމުރުފުރާއިން އެކަނިވެސް 12 ޓީމަކުން ވާދަކޮށްފަވެއެވެ. ރާއްޖޭގެ ޓީމުން މިމުބާރާތުގައި ހަތް މެޗު ކުޅެފަވާއިރު، ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން 3 މެޗުން މޮޅުވެ ބަލިވެފަވަނީ 2 މެޗުންނެވެ.

އާޖީލަކަށް އެކެޑަމީގެ 10 އަހަރުންދަށުގެ ޓީމެެއްވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައިވެސް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކޮށްފައެވެ. އެހެންކަމުން އެ މުބާރާތުގެ ތަޖުރިބާއަށް ބެލުމަށްފަހު 14 އަހަރުގެ ޓީމާއެކު މިމުބާރާތަށް ފުރީ ވަރަށް ބޮޑު އުންމީދަކާ އެކުކަމަށް އާޖީލަކަށް އެކެޑަމީގެ ހެޑް ކޯޗު ޒައިދު އަލީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުންވަނީ ބުނެފައެވެ.

"މިއީ ވަރަށް އުންމީދުކޮށްގެން ދިޔަ ކަމެއް. ވަރަށް ބޮޑަށް ރެޑީވެގެން ދިޔަކަމެއް މިއީ. މިހާ ބޮޑަށް މިކަން ވާނެކަމަށް ގަބޫލެއް ނުކުރަން. ކުދިން ދެއްކި ހިތްވަރަށް ކޯޗިން ސްޓާފްސް، ކޯޗާއި އެކަޑަމީއިން ދިން ހިތްވަރުން މިކަން ވެގެން މިދިޔައީވެސް. އަލްހަމްދުލިއްލާހި ޝުކުރު. މުބާރާތް މިއަހަރު ފެށުންކޮޅުގަ އޭޕްރިލްގައި އަޅުގަނޑު ދިޔައިން 10 އަހަރު ކުދިން ގޮވައިގެން. އަޅުގަނދަށް ކޮންމެވެސް ވަރަކަށް ފެނިފަހުރީ އެމީހުންގެ ކަންކަމާ އެއްޗެހި. ދެން އެހެންވީމަ މިމުބާރާތަށް މިދިޔައީ ވަރަށް ތައްޔާރުވެގެން. 10 އަހަރުންދަށުގެ ޓީމާ އެއްކޮށް ނުކުރާ މަސައްކަތް 14 އަހަރުންދަށު ޓީމާ އެއްކޮށް. ކޮށްގެން ދިޔައިމަ ކާމިޔާބު މިލިބުނީ. އަދިވެސް ކޮންމެވެސް ވަރަކަށް ކަންކަން މަދުވޭ އެބަ. އެކަމު ކުދިންނަށް ވަރަށް ބޮޑު އެކްސްޕީރިއަންސެއް ލިބިގެން މިދިޔައީ" ޒައިދު ބުންޏެވެ.

މިމުބާރާތަކީ އާޖީލަކަށް އެކެޑަމީގެ ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށް ޒައިދު ފާހަގަކުރިއެވެ. މިމުބާރާތުގެ ސަބަބުން ކުދިންނަށް ރަނގަޅުކުރަންވީ ކަންތައްތަކެއް އެނގިއްޖެކަމަށާ، އެކަންކަމަށް ފޯކަސްކޮށްގެން ކުޅުން އިތުރަށް ރަނގަކުރާނެކަމަށް އޭނާ ބުނެފަވެއެވެ.

ލަންކާވީ ސީރީޒް ކަޕް ކޮމްޕެޓިޝަން 2025 ގައި އެއެކަޑަމީގެ 11 ކުއްޖަކު ވާދަކުރިއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މުބާރާތުގައި ވާދަނުކުރެވުނު މޮޅެތި ކުދިން ތިބިކަމަށް ޒައިދު ބުންޏެވެ. އަދި އެކުދިންނަށްވެސް މުބާރާތުގައި ވާދުކުރެވުނު ނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުނީސްކަމަށް ޒައިދު ފާހަގަކުރިއެވެ. އަދި މިއީ ކުދިންނަށް ހުރިހާ ގޮތަކުންވެސް ލިބުނު ވަރަށް ފުރިހަމަ ތަޖުރިބާއެއްކަމަށް އޭނާ ބުނެފަވެއެވެ.

"ގެންދަން ބޭނުންވި ކިތަންމެ ކުއްޖަކުވެސް އެބަތިބި. ރަނގަޅު ކުދިން. އެހެން ނަމަވެސް ގިނަ ކަންކަމަކީ ގިނަ ފަހަރަށް ޚަރަދު ހިނގާކަމެއްވީމަ ބައެއް ކުދިންގެ ޕޭރެންޓުންނަށް އެކަންކަން އެފޯޑް ނުކުރެވޭތީ. ނޫނީ އެކަޑަމީއަށްވެސް އެހާ ބައިވަރު ބޮޑެތި ޚަރަދުތައް ނުކުރެވޭތީވެ ނުދެވި ތިބި ކުދިން. އެކަމު ފަހުން ހިތަށް އެރި ހުރިހާ ކުދިން ދިޔަ ނަމަ އަދި މިއަށްވުރެވެސް ރަނގަޅުވާނޭ. އެކަމު ދިޔަ ކުދިންނަށް ބަލާފަ އެކުދިން ދައްކައިފި ހަމަ %200" ޒައިދު ބުނެފަވެއެވެ.

ގާތް ގަނޑަކަށް 1 އަހަރާ 4 މަސްވީ އާޖީލަކަށް އެކަޑަމީއަކީ މާލޭގެ މުބާރާތްތަކުގައިވެސް ވާދަކުރަމުން އަންނަ އެކަޑަމީއެކެވެ. 6 އަހަރުންދަށުން ފެށިގެން 16 އަހަރާ ދެމެދުގެ 200 ވަރަކަށް ކުދިން މިހާރުވެސް މި އެކަޑަމީގައި އަންނަނީ ތަމްރީނުވަމުންނެވެ. މިއީ އަތޮޅުތެރޭގައި ހިންގާ އެކެޑަމީއަކަށްވުމުން ޕްރެކްޓިސް މެޗުތައް ކުޅެން ނުލިބުމަކީ ދިމާވާ ދައްޗެއްކަމަށް ޒައިދު ފާހަގަކޮށްފަވައެވެ. އެހެންކަމުން މާލޭގެ އެކެޑަމީތަކާ ވާހަކަދައްކާ އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ފަހަގަކުރިއެވެ.

އާޖީލަކަށް އެކެޑަމީން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު އޮންނަ މައިލޯ ކިޑްސް ސެވަން މުބާރާތަށެވެ. އެމުބާރާތުގައި އެއެކަޑަމީގެ 10 އަހަރުންދަށުގެ ޓީމާއި 12 އަހަރުންދަށުގެ ޓީމު ވާދަކުރާނެއެވެ.