ޚަބަރު

ކޯޗުންނާއި އެތުލީޓުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުން މުހިންމު: ވަޒީރު ރާފިޢު


އެތުލީޓުންނާ ގުޅުން ރަނގަޅު އިތުބާރުހިފޭ ކޯޗުން ތިބުމަކީ މުހިންމު ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވީ ވޯލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގި އެފްއައިވީބީ ކޯޗިން ކޯސް ލެވެލް 1 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖުލައި މަހުގެ 27 އިން 31 އަށް ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިޢުއެވެ.

އެތުލީޓުންނާއި ކޯޗުންނާމެދު ބަދަހި އަދި އިތުބާރު ހިފޭ ގުޅުމެއް އޮތުމަކީ މުހިންމު ކަމެއްގެ އިތުރުން ޒަމާނީ ކުޅިވަރުތަކުގައި އަނިޔާއިން ރައްކާތެރިވުމާއި އެތުލީޓުންގެ ސަލާމަތަށް ސަމާލުކަން ދިނުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެފްއައިވީބީ ކޯޗިން ކޯސް ލެވެލް އެކެއްގައި ޖުމްލަ 45 ބައިވެރިން ތަމްރީނުވިއެވެ. އޭގެތެރޭގައި އިންޑިއާ، ރާއްޖެ، ބަނގްލަދޭޝް، ސިންގަޕޫރު، ޖަޕާން، ކޮލަމްބިއާ، އިނގިރޭސިވިލާތް، ފިލިޕީންސް، ތައިލެންޑުގެ ކޯޗުން ހިމެނެއެވެ.

މިއީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ބައިނަލްއަގްވާމީ ކޯޗުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މިފަދަ ކޯޗިން ޕްރޮގްރާމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ވީއޭއެމުން ހިންގި މި ކޯހުގެ ސަބަބުން މިއީ ސަރަހައްދީ އަދި ދުނިޔޭގެ ވޮލީބޯޅަ ތަރައްގީ ކުރުމަށް އެ އެސޯސިއޭޝަނުން ކުރާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.

އެފްއައިވީބީގެ ކޯޗިން ކޯސް ލެވެލް 1 އަކީ ސަރަހައްދީ ވޮލީގައި ކޯޗުންގެ ފެންވަރު މަތިކޮށް ވޮލީބޯޅަ ތަރައްގީކޮށް ހަރުދަނާ ކުރުމަށް ވީއޭއެމްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކާމިޔާބުކަމާއެކު ނިންމާލެވުނު މަސައްކަތެކެވެ.