ޚަބަރު

އީސްޕޯޓްސްއަށް ޚާއްސަ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" ފަށައިފި


އީސްޕޯޓްސްއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" މިއަދު ފަށައިފިއެވެ.

މި ހަރަކާތްކުރިއަށް ދަނީ ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ. މިއީ މިއަދުން ފެށިގެން އޮގަސްޓު މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތެކެވެ.

"ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް"އާ ގުޅޭގޮޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ދިރާގު ގޭމާސް ގިލްޑުގެ ގޭމިންގ އީކޯސިސްޓަމްގެ ގްރޯތު މެނޭޖަރު އިސްމާޢީލް އީނާއު ބުނީ މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސްގެ މުބާރާތްކަމަށެވެ. ގޭމިންގގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ ފަރާތްތަކަށް އެއްތާކަށް އެއްވެލާ ވާދަވެރި ރޫހެއްގައި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު މި ފެސްޓިވަލުން ލިބިގެންދާނެއެވެ.

"މިކަހަލަ ފެސްޓިވަލެއް ނުވަތަ އީސްޕޯޓްސް ޓޯނަމެންޓެއް ދިވެހިރާއްޖޭގައި މި ސްކޭލްގައި ބޭއްވޭ އެންމެ ބޮޑު އެއް ޓޯނަމެންޓަށް ވެގެންދާނެ މި ޓޯނަމެންޓް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް". އަޅުގަނޑުމެން އަސްލު މިބާއްވާ ސަބަބަކީ ރާއްޖޭގައި އެކި ކަންކޮޅުތަކުން އޮންލައިންކޮށް މުބާރާތްތައް ކުޅެލައިގެން ގްރޭންޑް ފައިނަލްސް މިބާއްވަނީ ފިޒިކަލްކޮށް. އެހެންވީމަ ކުދިން އަސްލު ބުނަންޏާ ވަން އިޔަރ އޮފް ޓްރޭނިންގ އެންޑް ޓޯނަމެންޓްސްގެ ޑައިރެކްޓް ރިޒަލްޓް މިއަދު މިފެނިގެންދަނީ" އީނާއު ބުންޏެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތް ކޮންމެ ދުވަހަކުވެސް ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާނެއެވެ. މިމުބާރާތް ކުރިއަށްދަނީ އެ ސްކޫލުގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން ސްކޫލުގެ ހޯލު ތެރެ ޚާއްސަކޮށްފަވަނީ ޕަބްޖީ، މޯބައިލް ލެޖެންޑްސް އަދި ރޮކެޓް ލީގު އަދި އީއޭއެފްސީއަށެވެ. މިއީ 18 އަހަރުންމަތީގެ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ސަރަހައްދެއްކަމަށް އީނާއު ފާހަގަކުރިއެވެ. އަދި އެއީ ކުރިއަލާ ރެޖިސްޓްރީވެގެން ބައިވެރިވެފައިވާ ފަރާތްތަކަށް އޮތް ފުރުސަތެއްކަމަށްވެސް އީނާއު ބުނެފަވާއިރު، ހޯލުންބޭރުގެ ކެފެޓީރިއާ ހިމެނޭ ސަރަހައްދަކީ ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ގަން ރޭންޖެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ސަރަހައްދެކެވެ.

"އަޅުގަނޑުމެން އިންނާނެ ދެ ޑެޒިގްނޭޓެޑް އޭރިއާއެއް. މިސާލަކަށް މިހާރު އަޅުގަނޑުމެން މިތިބި ހޯލު، މިތާނގަ ކުޅޭނީ ޕަބްޖީ، މޯބައިލް ލެޖެންޑްސް އަދި ރޮކެޓް ލީގު އަދި އީއޭއެފްސީ. މިތާނގަ ކުޅޭ ގޭމަކީ 18 އަހަރުންމަތީގެ ޕްރީ ރެޖިސްޓާރޑް ޓޯނަމެންޓްސް. އެކަމަކު އަޅުގަނޑުމެންގެ އައުޓްޑޯ އަދި ކެފެޓީރިއާގައި އިންނާނެ ގަން ރޭންޖަކާ އިތުރު އެކްޓިވިޓީސްތައް. އެއީ ހަމަ ކުޑަކުދިންނަށް ހާއްސަކޮށްގެން އަޅުގަނޑުމެން މިބާއްވާލަނީ. އަލުގަނޑުމެން ބޭނުމެއްނުވޭ ބޮޑެތި ކުދިންނާ ކުޑަކުދިންނާ މިކްސްކުރާކަށް. އެހެންވެ އަޅުގަނޑުމެން ސްގެރިގޭޓްކޮށްލާފަ އިންނާނީ" އީނާއު ބުނެފަވެއެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަކީ ވެބް ބޭސްޑް އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމު އުފެދިފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ. މިއީ ގޭމަރުން ސައިންއަޕްވެ، ގޭމަރސްއަށް އިތުރުފުރުސަތެއް ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ޕްލެޓްފޯމެކެވެ. ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އާ ގުޅޭ ހިސާބުން ދިރާގުން ބާއްވާ އީސްޕޯޓްސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ މަގްސަދަކީ ޒިންމާދުކަމާއެކު ގޭމް ކުޅުމުގެ ރޫހެއް ގޭމަރުންގެ ތެރޭގައި އުފައްދާ މިކަމަށް ގޭމްކުޅޭ ފަރާތްތައް ހޭލުންތެރިކުރުމެވެ. އަދި މި ޕްލެޓްފޯމުގެ ސަބަބުން ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ އީ ސްޕޯޓިން މުބާރާތްތައް ބޭއްވުމަށް ފަހިކޮށްދިނުމާ، ދިރާގުގެ ނެޓްވޯކަކީ ގޭމަރުންނަށް އެކަށޭނަ ނެޓްވީކެއްކަން ބުނެދީ ސަރަހައްދީ ފެންވަރުގައިވެސް ރާއްޖެއަކީ އީ ސްޕޯޓްސްގައި ކުރިއަރާފައިވާ ގައުމަކަށް ހެދުމަކީވެސް ޑީޖީޖީގެ އަމާޒެކެވެ. މިފަދަ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ގޮންޖެހުންތައް ގިނަ އުނދަގޫކަމެއް ނަމަވެސް ޑީޖީޖީ އިން މަސައްކަތްކުރަނީ ވީހާވެސް ރަނގަޅު ފެންވަރެއްގައި މިކަން ކުރުމަށްކަމަށް އީނާއު ބުނެފަވެއެވެ.

ޑީޖީޖީގެ އަމާޒަކީ ގޭމް ކުޅުމަކީވެސް ސީރިއަސްކަމެއްކަން މުޖުތަމަޢަށް އަންގައިދީ މިއީ ވިޔަފާރިއަށްވެސް ދޮރުތަކެއް ހުޅުވިފައިވާ ދާއިރާއެއްކަން މީހުންނަށް ބުނެދިނުންކަމަށް ދިރާގު ގޭމާސް ގިލްޑުގެ ގޭމިންގ އީކޯސިސްޓަމްގެ ގްރޯތު މެނޭޖަރ ބުންޏެވެ.