ޚަބަރު

އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއަށް އިތުބާރު އެބައޮތް، މިއީ އެޅުނު މުހިންމު ފިޔަވަޅެއް: ފީފާ


‎ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އައު ރައީސަކު އިންތިޚާބުކުރެވުމަކީ އުފާވެރިކަމެއް ކަމަށާއި، މިއީ ރާއްޖޭގެ ފުޓްބޯޅައަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން ބުނެފިއެވެ.

‎ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފީފާގެ ހެޑް އޮފް ގަވަރނަންސް ރޮއުފް ޓަނަރ ވިދާޅުވީ މިއީ ޓީމާއި އެކު އައު ފެށުމެއް ކަމަށާއި، ގޮންޖެހުންތައް ހުރިނަމަވެސް މިއީ އުފާވެރި ފެށުމެއް ކަމަށާއި އައު ޓީމަށް ކުލަބުތަކުން ދިން ވޯޓަކީ އެ ޓީމަށް ސަޕޯޓު އޮތް މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

‎"ވޯޓުން ހާމަވެގެންދިޔައީ އައު ޓީމަށް ކުލަބުތަކުގެ ތާއީދުއޮތް މިންވަރު. މިއީ ވަރަށް ރަނގަޅު ފެށުމެއް. އަލުން ފެށުމެއް ރާއްޖޭގެ ފުޓްބޯޅައަށް" ޓަނަރ ވިދާޅުވިއެވެ.

‎ފީފާއިން އެފްއޭއެމަށް އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތްތައް ފަށައިގަތީ ވަރަށް އުނދަގޫ ހާލާތެއްގައި ނަމަވެސް ނޯމަލައިޒޭޝަންގެ މަސައްކަތްތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭ މެންޑޭޓް ނިންމި ކަމަށް ޓަނަރ ވިދާޅުވިއެވެ.

‎އަދި އެފްއޭއެމަށް ނުހަނު ބޭނުންވެފައި އޮތް އިލެކްޓޯރަލް ކޯޑު ފާސްކޮށް ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އިންތިހާބު ބޭއްވޭގޮތަށް ކަންކަން ފަހިކޮށްދިންކަން ފާހަގަކޮށް މިދިޔަ މަހު ހިންގާގަވައިދަށް ގެނައި ބަދަލުތައްވެސް މުހިންމު ކަމަށާއި، އެ ކޮމިޓީގެ މަސައްކަތްތަކާއި މެދު ފީފާއިން ވަރަށް ހިތްހަމަ ޖެހޭ ކަމަށްވެސް ޓަނަރ ވިދާޅުވިއެވެ.

‎އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއާއި އެކު އެފްއޭއެމް ހިންގުމަށް އައު ރައީސް އާއި ހިންގާ ކޮމިޓީއަށް ފީފާއިން އެހީތެރިވެދޭނެ ކަމަށާއި، އައި ލީޑަރޝިޕަށް ޕީފާއިން ވެދެވެން އޮތް ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ދެއްވާނެ ކަމަށް ޓަނަރ ވިދާޅުވިއެވެ.

‎އައު ލީޑަރޝީޕާއިމެދު ފީފާއިން ކުރާ އުންމީދަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްޤީވެގެންދިއުން ކަމަށް ފީފާގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ބޭނުން ކުރަންޖެހޭ ގޮތަށް އަދިވެސް ބޭނުން ނުކުރެވި ހުރި ދިމަދިމާ ފާހަގަކުރެވޭ ކަމަށާއި، އައު ލީޑަރޝިޕުން އެކަންކަމަށް ފޯކަސްކޮށް ފުޓްބޯޅަ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ފީފާއިން އުންމީދު ކުރާ ކަމަށް ޓަނަރ ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުންވެސް އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށްބުނެ ފީފާއިން އޮތީ އިންތިހާބު ހުއްޓުވާފައެވެ. މި ފަހަރު އިންތިހާބު ބޭއްވީ ޖޫންމަހު އެފްއޭއެމްގެ ހިންގާ ގަވާއިދަށް ބަދަލުގެނެސްގެންނެވެ. އެފްއޭއެމްގެ ހުރިހާ މެންބަރު ކުލަބުތަކުގެ ތާއީދާއެކު އައު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އެވެ.