ބާސެލޯނާގެ ޑިފެންޑަރ ރޮނަލްޑް އަރައުހޯ ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އޭނާ ވިއްކާލަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު އޭޝިޔާއަށް ކުރަމުންދާ ދަތުރުގައި ސައުތު ކޮރެއާގެ ވެރިރަށް ސޯލްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނެފައިވަނީ އެ ކްލަބުގެ އެކި މަގާމުތަކަށް ކުޅެން ފެންވަރު ރަގަޅު ގިނަ ކުޅުންތެރިންތަކެއް ތިބުމަކީ ލިބިގެންދާ ހިތްހަމަޖެހުމެއް ކަމަށެވެ.
"ސްކޮޑު ވަރުގަދަވުމަކީ ދިގު ސީޒަނަކާއި ކުރިމަތިލާއިރު ލިބިގެންދާ އިތުބާރަކާއި ހިތްހަމަ ޖެހުމެއް. ފެންވަރު ރަގަޅު ޑިފެންޑަރުން މި ޓީމުގައި ތިބުމަކީ ރަގަޅު ކަމެއް." ހެންސީ ފްލިކް ބުންޏެވެ.
"އަރައުހޯ މި ކްލަބް ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް އަދި އޭނާ ވިއްކާލުމަށް އެއްވެސް އިރެއްގައި މަސައްކަތެއް ނުކުރަން. ކުޅުންތެރިންނާއިމެދު އަބަދުވެސް މީޑިޔާގައި ވާހަކަތައް ދެކެވޭނެ. އެއީ ހަގީގަތެއް ނޫން." ހެންސީ ފްލިކް އިތުރަށް ބުންޏެވެ.
އުރުގުއޭ އަށް އުފަން އުމުރުން 26 އަހަރުގެ އަރައުހޯ ވަނީ ބާސެލޯނާ އާއިއެކު ހަދާފައިވާ އެއްވަސްވުމުގެ މުއްދަތު މިދިޔަ ޖެނުއަރީ މަހު އިތުރު ހަ އަހަރަށް އިތުރުކޮށްފަ އެވެ.
ފްލިކް އިތުރަށް ބުނެފައިވަނީ ލަމީން ޔަމާލް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ކޮންމެ ފަދަ ވަގުތެއްގައިވެސް މެޗެއްގެ ނަތީޖާ އަނބުރާލެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އެ ފަދަ ކުޅުންތެރިއަކު އެ ކްލަބުގައި ހުރުމަކީ އޭނާއަށް ލިބިގެންދާ އިތުރު ޔަގީން ކަމަކާއި އިތުބާރެއް ކަމަށްވެސް ފްލިކް ވަނީ ބުނެފަ އެވެ.
އޭޝިޔާއަށް ބާސެލޯނާ ކުރަމުންދާ ދަތުރުގައި ކޮރެއާގެ ދެ ކްލަބް ކަމުގައިވާ އެފްސީ ސޯލް އާއި އެފްސީ ޑައެގޫ އާއި ދެކޮޅަށް ބާސެލޯނާ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.